އުމަރަށް )25 އަހަރަށް( ޖަލަށްލުމަށް ހުކުމްކޮށްފައި ހުރި މީހަކު މުޖުތަމައުއަށް ދޫވެފައި ވަނިކޮށް މަކަރާއި ހީލާތް ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްގެން ޝަރީއަތް ހިންގަން ފަށައިފި އެވެ.

ޓެކްމުގެ މައްސަލައެއްގައި ކުށްސާބިތުވެ 25 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މަކަރާއި ހީލާތް ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓްގައި އިއްޔެ ޝަރީއަތް ފަށާފައި ވަނީ ސ. ފޭދޫ ވިލާޑީލައިޓް މުޙައްމަދު ޢާތިފް މައްޗަށެވެ. ކްރިމިނަލް ކޯޓުން ބުނީ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ފެބްރުއަރީ 26، 2007 ގައި ކަމަށެވެ.
ނަމަވެސް އޭނާ މުޖުތަމައުއަށް ދޫވި ގޮތެއް އަދި އެނގިފަ އެއް ނުވެ އެވެ.

އެ މީހާގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެކިއެކި މީސްމީހުންގެ އަތުން އޭނާ ފައިސާ ނަގާފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީ ބުނެފައި ވަނީ ޣައިރު ހާޒިރުގައި ހުކުމްކޮށް، އެ ހުކުމްތައް ތަންފީޒު ކުރަން ޖެހޭ 460 މީހުން މުޖުތަމައުގައި ފިލައިގެން އުޅޭ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކަމާ ބެހޭ އިދާރަތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. ޣައިރު ހާޒިރުގައި ހުކުމް ކުރާ މީހުން މުޖުތަމައުގައި ފިލައިގެން އުޅޭއިރު ފަރުވާއަށް ޖަލުތަކުން މާލެ ގެންނަ ބައެއް މީހުން ވެސް ފިލައިގެން މުޖުތަމައުގައި އެބަ އުޅެ އެވެ.