15 May 2018, 00:29
މަސައްކަތުގެ މާހައުލުގައި ވަކި ދާއިރާތަކަކީ އަދިވެސް ފިރިހެނުންނަށް ހާއްސާ ދާއިރާތަކެއް ކަމަށް މުޖުތުމައު ދެކޭ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.
މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން، އަންހެނުންނަށް ކަރަންޓްގެ މަސައްކަތްތައް ދަސްކޮށްދިނުމަށްް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހިންގި ކޯސްތައް ނިންމި ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަކި ދާއިރާތަކަކީ ހަމައެކަނި ފިރިހެނުންނަށް ކުރިއަށް ދެވޭނެ ދާއިރާތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަކަކު ދެކޭ ކަމަށެވެ.
"ކަރަންޓާ ގުޅުން ހުރި މަސައްކަތްތަކަކީވެސް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ފިރިހެނުންނަށް ހާއްސަ މަސައްކަތެއް. އަދި މިފަދަ ދާއިރާތަކުގައި ފަންނީ ގޮތުން މަސައްކަތްކުރާ އަންހެނުން މަދުކަން ފާހަގަކުރެވޭ،" ޒެނީޝާ ވިދާޅުވިއެވެ.

ސްޓެލްކޯއިން އަންހެނުންނަށް ކަރަންޓްގެ މަސައްކަތް ދަސްކޮށްދިނުމަށް ހިންގި ކޯސަްތަކުގެ ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
ޒެނީޝާ ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ 45 އިންސައްތައަކީ އަންހެނުން ކަމުގައި ވީނަމަވެސް މަސައްކަތުގެ މާހައުލުގައި މަތީ ފަންތިތަކާ ހަމައަށް ވަސިލްވުމުގައި އަދިވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތި ލާންޖެހޭކަމަަށެވެ.
ސްޓެލްކޯ އަކީ މީގެ ކުރިން ހަމައެކަނި ފިރިހެނުން މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ބެލެވުނުނަމަވެސް ގިނަބޭފުޅުންގެ މަސައްކަތްތަކުގެ ސަބަބުން ޓެކްނިކަލް ދާއިރާތަކުގައި މިހާރު އަންހެން ބޭފުޅުން ޝާމިލްވާކަންވެސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފައެވެ.