14 May 2018, 22:51
ފްރާންސްގެ ޕީއެސްޖީގެ ކޯޗުގެ މަގާމަށް ބޮރޫޝިއާ ޑޯޓުމަންޑްގެ ކުރީގެ ކޯޗު، ތޯމަސް ޓުޝެލް ހަމަޖައްސައިފިއެވެ.
ޕީއެސްޖީއަށް 2016 ވަނަ އަހަރުން ފެށިގެން ކޯޗުކަން ކޮށްދިން އުނައި އެމެރީ، މިސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ކުރިން ވަނީ އިއުލާންކޮށްފައެވެ.
ޕީއެސްޖީއާ ޓުޝެލް ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ މޭ މަހު ބޮރޫޝިއާ ޑޯޓުމަންޑު ދޫކޮށްލުމަށްފަހު ޗުއްޓީއެއްގައި ހުރި ޓުޝެލް، ބޮރޫޝިއާ ޑޯޓުމަންޑާ 2016 ވަނަ އަހަރު ހަވާލުވެފައިވަނީ ޔާގަން ކްލޮޕް ލިވަޕޫލަށް ދިއުމަށްފަހުގައެވެ. އޭގެ ކުރިން ޓުޝެލް ކޯޗުކަން ކޮށްދީފައިވަނީ މެއިޒް ފައިވްއަށެވެ.
ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވުމަށްފަހު އުމުރުން 44 އަހަރުގެ ޓުޝެލް ބުނީ ޕީއެސްޖީގައި ތިބީ ދުނިޔޭގެ އެންމެ މަތީ ލެވެލްގެ ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނާއެކު މަސައްކަތް ކޮށްލަން ކެތް މަދުވެފައިވާ ކަމަށެވެ. އަދި އޭނާގެ އުންމީދަކީ ދުނިޔޭގެ އެންމެ މަތީ ފަންތިއަށް ޕީއެސްޖީގެ ކާމިޔާބީތައް ގެންދިއުން ކަމަށާއި، ޕީއެސްޖީއަކީ އޭނާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ޗެލެންޖު ކަމަށްވެސް ޓުޝެލް ބުންޏެވެ.
ޕީއެސްޖީގެ ވެރިޔާ އަލް-ޚެލައިފީ ބުނީ ޓުޝެލްއަކީ މިހާރު ޔޫރަޕްގައި ހުރި ޓެކްޓިކްސް އެންމެ މޮޅު އެއް ކޯޗު ކަމަށާއި، ޓުޝެލްގެ ސްޓައިލަކީ ޕީއެސްޖީއާ ގުޅޭ އެޓޭކިން ފުޓުބޯޅައެއް ކަމަށެވެ.
ޑޯޓުމަންޑާއެކު ޓުޝެލް ވަނީ 17-2016 ވަނަ އަހަރުގެ ސީޒަންގެ ޖަރުމަން ކަޕްވެސް ކާމިޔާބު ކޮށްފައެވެ. ޓުޝެލް ފާހަގަކޮށްލެވެނީ އެޓޭކިން ރީތި ފުޓުބޯޅައެއް ކުޅުވާ ކޯޗެއްގެ ގޮތުގައެވެ. އޭނާއާއެކު ޑޯޓުމަންޑުން މިސީޒަން ނިންމާލީ ތާވަލުގެ ހަތަރުވަނައިގައެވެ.