އިސްރާއިލުން ޣައްޒާގައި ކުރިއަށްދާ ގަތުލު އާންމު ހުއްޓުވައި ދިނުމަށް ފަލަސްތީނުން ބައިނަލްއަގުވާމީ އެހީއަށް އެދިއްޖެއެވެ.

ފަލަސްތީނު އޮތޯރިޓީގެ ތަރުޖަމާނު ޔޫސުފް އަލް މަހުމޫދު ވިދާޅުވީ، އިސްރާއިލުން ދަނީ ފަލަސްތީނުގައި ވަރަށް ވަރުގަދަ ގަތުލުއާންމެއް ހިންގަމުން ކަމަށާއި ބައިނަލްއަގުވާމީ ގައުމުތަކުން އެ ގަތުލު އާންމު މިހާރުން މިހާރަށް ހުއްޓުވައިދިނުމަށް އެދޭކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ޣައްޒާގައި ކުރިއަށްދާ މުޒާހަރާގައި މިހާތަނަށް އާންމުންގެ 41 މީހުން ޝަހީދުވެ 1700 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ޒަަހަމްވި މީހުންގެ ތެރޭގައި 74 ކުޑަކުދިންނާއި އަދި 23 އަންހެނުންވެސް ހިމެނެއެވެ.

އެމެރިކާއިން ގުދުސްގައި މިއަދު އެމްބަސީ ހުޅުވިތާ މަދު ގަޑިއިރުތަކެއް ތެރޭ ޣައްޒާ ބޯޑަރު ސަރަހައްދުގައި ފެށި މުޒާހަރާއަކަށް އިސްރާއިލުން ވަަނީ ވަރަށް ވަރުގަދަ ރައްދެއް ދީފައެވެ.

މިދިޔަ މާޗް މަހުގެ 30ގައި "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފެށި އެމުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ދަނީ އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ، އިސްރާއީލް ބޯޑަރު ހުރަސް ކުރަން މަސައްކަތް ކުރަމުންނެވެ.

ޣައްޒާގައި އެ މުޒާހަރާތައް ކުރިއަށްދާ އިރު ހުޅަނގު އައްސޭރީގައި ހުންނަ ރާމަﷲއާއި ހަބްރޫންގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ދަނީ ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމާ ދެކޮޅަށް ވެސް އަޑު އުފުލަމުންނެވެ. އެ އެމްބަސީ ހުޅުވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުންނާއި ދަނބިދަރިކަލުން ވަނީ ގުދުސަށް ވަޑައިގަންނަވައިފައެވެ.

ޣައްޒާގެ އާބާދީ ދެ މިލިއަނަށް އަރާ އިރު އޭގެ ތެރެއިން 70 ޕަސެންޓު މީހުންގެ ކާބަފައިންނަކީ ރެފިއުޖީންނެވެ.