05 Sep 2011, 13:26
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އިންދިރާގާނދީ މެމޯރިލްގެ ގިނަ ޑޮކްޓަރުންތަކާއި ނަރުހުންނާއި އަދި އެ ނޫން މުވައްޒަފުންތަކެއްގެ މުސާރަ ޖަމާކުރުމަށް ބޭންކަށް ފޮނުވި ޗެކު ބައުންސުވެ، އެ މުސާރަ "މަޅި" އަރައިފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި މަސް ފެށުނުތާ ފަސް ދުވަސް ފަހުން، މިއަދު ބޭންކަށް ފޮނުވި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޗެކު ވަނީ ބައުންސުވެފަ އެވެ.
މާލޭ ހެލްތު ކޯޕަރޭޝަން ސާވިސްގެ މެނޭޖިން ޑައިރެކްޓަރު އަދި އައިޖީއެމްއެޗުގެ ޗީފް އޮޕަރޭޓިން އޮފިސާ ކެތަރީން ޖޭން ވޯޓާސް މިއަދު ވިދާޅުވީ ޗެކުގެ މައްސަލަ ދިމާވި ކަމަށާއި ނަމަވެސް މުސާރަ ނުލިބިވާ ޑޮކްޓަރުންނާއި އަދި އެނޫން މުވައްޒަފުންގެ މުސާރަ ވެސް އެ ބޭފުޅުންގެ އެކައުންޓްތަކަށް މެންދުރު ފަހު ޖަމާވާނެ ކަމަށެވެ.
ނަމަވެސް ކެތަރީން ވިދާޅުވީ މުސާރައިގެ މައްސަލަ މިއަދު ހަމަޖެހުނަސް، އޯވާޓައިމް އެލަވަންސްގެ ކަންތައް މުޅިން ހަމައަކަށް އަޅުވާލުމަށް އަދި ވެސް ދުވަސްކޮޅެއް ނަގައިފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ މުސާރަ ދިނުން އެހާ ބޮޑުތަން ލަސްވެގެން ދިޔައީ ރޯދަ މަސް ކަމަށް ވުމާ އެކު ހޮސްޕިޓަލްގެ ހިދުމަތް ލިބިގަތް މީހުންގެ އަދަދު މަދުވެ، ލިބުނު އާމްދަނީ ވެސް މަދުވެފައިވާތީ، ސަރުކާރުގެ ސަބްސިޑީގެ އިތުރަށް ހޮސްޕިޓަލަށް ލިބުނު އާމްދަނީ މަދުވެގެން ކަމަށެވެ.
ސަރުކާރުން ސަބްސިޑީގެ ގޮތުގައި އައިޖީއެމްއެޗަށް ކޮންމެ މަހަކު ދޫކުރަނީ 15 ވަރަކަށް މިލިއަން ރުފިޔާ އެވެ. އައިޖީއެމްއެޗުގެ މުވައްޒަފުންގެ މުސާރަ އެކަނި ވެސް 20، 22 މިލިއަން ރުފިޔާ ވަރުވާ ކަމަށް ސަރުކާރުގެ މަސްދަރުތަކުން ބުނެ އެވެ.