މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ސޮއި ކުރެއްވީ ނުބައި ނިޔަތެއް އޮވެގެން ކަމަށް ދައުލަތުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މެނދުރު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރުގައި އަލީ ހަމީދު ސޮއި ކުރެއްވީ ނުބައި ނިޔަތެއް އޮވެގެން އަމިއްލަ މަންފާއެއް ހާސިލް ކުރުމައްޓަކައި ރިޝްވަތު ހިފައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ތިން ކަމެއް ހުށަހަޅާފައި ވާއިރު އަލީ ހަމީދުގެ ފަރާތުން ވަނީ 15 ކަމެއް ހުށަހަޅާފައެވެ. އެގޮތުން ތަހުގީގު ފުރިހަމަ ނުވާކަމަށް ވެސް އަލީ ހަމީދުގެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި އަލީ ހަމީދު ވިދާޅުވީ ސިއްހީ ގޮތުން ވަރަށް ގިނަ ބަލިތަކާ އެނާ ކުރިމަތިލާން ޖެފައިވާކަމަށެވެ. އެގޮތުން އުނަގަނޑާއި ފައިގެ އެއްފަޅި އަދި ބޮލުގެ ބައެއް އައްސިވާކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. އަދި އޭނާއަށް ލިބެންޖެހޭ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާ ކަމަށް ވެސް އަލީ ހަމީދު ވިދާޅުވިއެވެ.

އެންމެފަހުން ޑޮކްޓަރަށް ދެއްކުމުން 15 ދުވަހުގެ ބޭސް ދީފައިވާ ކަމަށާއި އެކަމަކު އެބޭސް އޭނާ އަށް ލިބިފައިނުވާ ކަމަށް ވެސް އަލީ ހަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އިތުރު އަޑުއެހުމެއް އޮންނާނެ ދުވަހެއް ފަހުން އަންގާނޭ ކަމަށް އިއުލާން ކުރެއްވުމަށް ފަހުގައެވެ.

އެދައުވާ ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަލީ ހަމީދަށް އަންނާނެއެވެ.