ޣައްޒާ(މޭ 14): އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީ މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނުގެ 16 މީހެއްގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެމުޒާހަރާގައި ޝަހީދުވި މީހުންގެ ތެރޭގައި 12 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ. އަދި އިތުރު 900 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ މާދަމާ ފާހަގަ ކުރާ ނަކްބާ ދުވަހާ ދިމާކޮށެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން އެބިން ދޫކޮށް ދާން ޖެހުނު ދުވަހެވެ.

ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީގައި ކުރާ މުޒާހަރާ -- ފޮޓޯ: ރޮއިޓާސް

މިދިޔަ މާޗް މަހުގެ 30ގައި "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފެށި އެމުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ދަނީ އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ، އިސްރާއީލް ބޯޑަރު ހުރަސް ކުރަން މަސައްކަތް ކުރަމުންނެވެ.

ޣައްޒާގައި އެ މުޒާހަރާތައް ކުރިއަށްދާ އިރު ހުޅަނގު އައްސޭރީގައި ހުންނަ ރާމަﷲއާއި ހަބްރޫންގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އެމުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ދަނީ ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމާ ދެކޮޅަށް ވެސް އަޑު އުފުލަމުންނެވެ. އެ އެމްބަސީ ހުޅުވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުންނާއި ދަނބިދަރިކަލުން ވަނީ ގުދުސަށް ވަޑައިގަންނަވައިފައެވެ.

ޣައްޒާގެ އާބާދީ ދެ މިލިއަނަށް އަރާ އިރު އޭގެ ތެރެއިން 70 ޕަސެންޓު މީހުންގެ ކާބަފައިންނަކީ ރެފިއުޖީންނެވެ. (އަލްޖަޒީރާ)