15 May 2018, 09:15
ސާފު ހަކަތައިގެ މަގުޗާޓު (2018 – 2025)ގެ އެންމެ ފަހުގެ ދެލިކޮޕީ ސަރުކާރުގެ މުޢައްސަސާތަކާއި ހަކަތައިގެ ދާއިރާއާ ގުޅުން ހުރި އަމިއްލަ ފަރާތްތަކާ ހިއްސާކޮށް މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި އެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގައި ހަކަތަ އުފައްދާ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ ގުޅުން ހުރި މުއައްސަސާތަކުގެ އިތުރުން ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ބައިވެރިވި އެވެ. މި ބައްދަލުވުމުގައި މި މަގުޗާޓުގައިވާ މައުލޫމާތު މަޝްވަރާކޮށް އިތުރު ޚިޔާލުތައް ހިމެނުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު ވަނީ މަޝްވަރާކޮށްފަ އެވެ.
ސާފު ހަކަތައިގެ މަގުޗާޓު (2018 – 2025) އެކުލަވައިލުމުގެ މަޤްސަދަކީ ދިވެހިރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ 70 ޕަސެންޓް ސާފު ހަކަތައަށް ބަދަލު ކުރުމަށް ގެންނަން ޖެހޭ ކަންކަމަށް މަގުދައްކުވައިދީ ރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ސާފު ހަކަތަ މުޅި ރާއްޖެއަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދިނުމެވެ.
މިއީ ދިވެހިރާއްޖޭގައި މިފަދަ ނިޒާމެއް ގާއިމުކުރުމަށް ޓަކައި މަގުޗާޓެއް އެކުލަވައިލެވޭ ފުރަތަމަ ފަހަރެވެ.
ސާފު ހަކަތައިން އިގްތިސާދީ ފައިދާ އިތުރުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ. އެކަމުގެ މަގުޗާޓު އެކުލަވައިލުމުގެ މަސައްކަތް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އިން ދަނީ ކުރަމުންނެވެ. އެ މަގުޗާޓު އެކުލަވައިލުމަށް ޓަކައި ރާއްޖޭގެ ހަކަތައިގެ ދާއިރާ ހިންގައި ތަރައްގީ ކުރުމަށް މިހާތަނަށް ހެދިފައިވާ ސިޔާސަތުތަކާއި ރޭވުންތަކާއި އަދި މަގުޗާޓުތައް ވަނީ މުރާޖަޢަ ކުރެވިފަ އެވެ. ހަމަ އެއާ އެކު މިހާތަނަށް އައި އިރު މި ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ޙާޞިލުވެފައިވާ މިންވަރު ވެސް ވަނީ ދެނެގަނެވިފަ އެވެ. މީގެ އިތުރުން މިފަހަރު އެކުލަވައިލެވޭ މަގުޗާޓަށް ބައިނަލްއަޤުވާމީ މާހިރުންގެ ފަންނީ ލަފާ ވެސް ވަނީ ހޯދައިފަ އެވެ.