ޓްރެވަލް އެޖެންޓުން ރިސޯޓުތަކަށް ދައްކާ ފައިސާ ނަގުދު ފައިސާއިން ބަލައި ގަންނަމުންދާތީ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމްއިއްޔާއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ބޭންކް ބަންދު ދުވަސްތަކުގައި ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ނަގުދު ފައިސާއިން ކުރުމަށް ބައެއް ރިސޯޓްތަކުން މަޖުބޫރުކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ޓްރެވަލް އެޖެންޓުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާކަމަށެވެ.
"... ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ރިސޯޓް ހިންގާ އޮފީހަކަށް ފައިސާދެއްކުމަށް ދިޔުމަކީ ރައްކާތެރި އަދި 21 ވަނަ ގަރުނުގެ ވިޔަފާރި ކުރެވޭނެ ގޮތް ނޫންކަން މި ޖަމްއިއްޔާއިން ފާހަގަކުރަމެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ނަގުދު ފައިސާއިން މުއާމަލާތް ކުރުމަށް ހިތްވަރު ނުދޭ ދުވަސްވަރެއްގައި ދިވެހިރާއްޖޭގައި ހިންގާ ބައެއް ރިސޯޓްތަކުން ނަގުދު ފައިސާއިން ޕޭމަންޓު ހަދަން މަޖުބޫރު ކުރުމަކީ ޓެކްސް ނަގަން ފަށާފައިވާ ދުވަސްވަރެއްގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ކަމެކެވެ،" މަޓާޓޯގެ ބަޔާނުގައި ވެ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ 25 ވުރެ ބޮޑު ޕަސެންޓެއް ދިވެހި ޓްރެވަލް އެޖެންޓުން ހިއްސާކުރާއިރު މަޓާޓޯއިން ވަނީ ދިވެހި ކުންފުނިތަކަށް ކްރެޑިޓް ފެސިލިޓީޒް ނުދޭތީ އެކަމަކީ ވިޔަފާރީގައި ނާތަހުޒީބު އަމަލެއް ކަމަށް ބުނެފަ އެވެ. އެ ޖަމްއިއޔާއިން ބުނީ ބައެއް ރިސޯޓްތަކުން ދިވެހިންނަށް ކްރެޑިޓް ފެސިލިޓީ ނުދޭއިރު ބޭރުގެ ބޭރުގެ އެޖެންޓުންނަށް ކުރިޑިޓް ފެސިލިޓީ ދޭކަމަށެވެ. އަދި ބައެއް ރިސޯޓް ތަކުން ކުއްލި ގޮތަކަށް ދިވެހި ޓްރެވަލް އެޖެންޓުން "ބާކީ ކުރާ" ކަމައްވެސް އެ ނޫސްބަޔާނުގައި ބުނެ އެވެ.

"... ފައިސާ ބަލައިގަތުމުގައި ބައެއް ރިސޯޓްތަކުން މިހާރު ގެންގުޅޭ ބޯދާ ސިޔާސަތު ދޫކޮށް ދިވެހި ޓްރެވަލް އޭޖެންޓުންނާއި ބޭރު އެޖެންޓުން މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް މި ޖަމްއިއްޔާއިން އެފަދަ ރިސޯޓްތަކަށް ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.