ކުއަލަލަމްޕޫރު (މޭ 14): މެލޭޝިއާގެ ވަން އެމްޑީބީ އިންވެސްޓްމެންޓު ފަންޑުގެ ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ހުރަސް އެޅުއްވި ކަމަށް ބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)އަށް ހުށަހަޅައިފި އެވެ.

އެމްއޭސީސީއަށް އެ މައްސަލަ ހުށަހެޅީ ކޮމިޝަނުގެ ކުރީގެ ޑިރެކްޓަރު އަބްދުލް ރައްޒާގު އިދުރީސް އެވެ. އިދުރީސް ވިދާޅުވި ގޮތުގައި ނަޖީބު ވަނީ ކޮރަޕްޝަނުގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުން ހުއްޓުވުމަށް ޓަކައި މަގާމުގެ ބޭނުން ކުރައްވައިފަ އެވެ.

އަދި އިދުރީސް ވަނީ ނަޖީބުގެ މިލްކިއްޔާތުގައި ހުރި ބައެއް ގެތަކާ ބެހޭ މައްސަލައެއް ވެސް އެމްއޭސީސީއަށް ހުށަހަޅައިފަ އެވެ.

އިދުރީސް ވިދާޅުވި ގޮތުގައި މީގެ ކުރިން އެ މައްސަލަތައް ހުށަނޭޅީ ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބުގެ މައްޗަށް ވަނީ ވަން އެމްޑީބީ ފަންޑުން 700 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ނަޖީބު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ބެލި މެލޭޝިއާގެ ކޯޓުން ވަނީ އެ 700 މިލިޔަން ޑޮލަރަކީ ސައޫދީ ރަސްގެފާނު ނަޖީބަށް ހަދިޔާކުރެއްވި ފައިސާ ކަމަށް ނިންމއިފަ އެވެ. (ސްޓާއޮންލައިން)