އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ހަފްތާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗުން ނިއު މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

މާލޭ ލީގުގެ ފުރަތަމަ ބުރުގައި ނިއު ބަލިވީ ހަމައެކަނި ވިކްޓަރީ އަތުންނެވެ. ނިއުއިން ލޯކަލް މެޗުތަކުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުމަކަށް ގެނައި ވިކްޓަރީއާ ދެކޮޅަށް ނިއު ނުކުތީ މުހިއްމު މެޗެއް މި ހަފްތާގައި ކުރިމަތީ އޮށްވައެވެ. އެއީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އޭއެފްސީ ކަޕްގެ ޒޯނަލް ސެމީ ފައިނަލަށް ކޮލިފައިވުމަށް ނިއުއަށް މޮޅުވުން މުހިއްމު މެޗަކަށް އައިޒޯލް މެޗު ވެފައިވާ އިރު، ވިކްޓަރީ މެޗަށްވެސް ނިއު ނުކުތީ ވަރުގަދަ ފުރަތަމަ 11 އަކާ އެކީގައެވެ.

"މެޗުގެ ނަތީޖާއާއި ކުޅުމާ މެދުވެސް ހިތްހަމަ ޖެހޭ. ކުރިން ކުޅުނު މެޗާ މުޅިން ތަފާތު. ކުރީބައިގައި މެޗުގެ ލީޑު ނެގުނީމަ ފަސޭހަވީ. ލީޑު ނުނެގި ގިނައިރު ވި ނަމަ އުނދަގޫވީސް. މުޅި މެޗުގެ އޮއެވަރުވެސް ބަދަލުވާނެ. މީގެ ދެ ހަފްތާ ކުރިން އެންމެނަށްވެސް ފެންނާނެ، ވިކްޓަރީ ލީޑު ނެގުނު ހިސާބުން 25 ފަހަރަށް ސްޓްރެޗާވެސް ދަނޑު މައްޗަށް އަރުވަން ޖެހުނު. ނިއުއިން މޮޅުވިޔަސް އެ ޓެކްޓިކްސްއެއް ބޭނުމެއް ނުކުރާނެ. ނިއުއިން މެޗުތަކުގައި ކުޅޭނީ އިންސާފުވެރި ރީތި ފުޓުބޯޅައެއް ކުޅެގެން މޮޅުވާން،" ވިކްޓަރީ މެޗަށްފަހު ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުންޏެވެ.

އޮސްކާ ބުނީ އައިޒޯލާ ދެކޮޅަށް ކުޅޭ މެޗަކީ މުޅި ހަޔާތުގައިވެސް އެންމެ މުހިއްމު މެޗު ކަމަށާއި، އުންމީދަކީ މޮޅުވެ ރާއްޖޭގެ ފުޓުބޯޅައަށް އުފާވެރިކަން ގެނެސްދިނުން ކަމަށެވެ.

"ވިކްޓަރީއާ ދެކޮޅަށް ފުރަތަމަ ކުޅުނު މެޗު ބަލިވެފައި އޮތުމުން މެޗު މުހިއްމުވި. މާލޭ ލީގު ހޯދުމަށް ވިކްޓަރީ މެޗު މުހިއްމު. އެކަމަކު ދެން އޮތީ މުޅި ހަޔާތުގެވެސް އެންމެ މުހިއްމު މެޗަށް ތައްޔާރުވުން. އުންމީދުކުރަނީ މޮޅުވެ، ރާއްޖޭގެ ފުޓުބޯޅައަށްވެސް އުފާވެރިކަން ގެނެސްދޭން،" އޮސްކާ ފާހަގަކުރިއެވެ.

ނިއުއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވިކްޓަރީގެ ކޯޗު، ލާޒްލޯ ކިސް ބުނީ އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިން ބަލިވެ އުޅޭ ކަމަށެވެ. އެހެން ނަމަވެސް މެޗުގެ ކުޅުމާ މެދު ހިތް ހަމަ ޖެހޭ ކަމަށާއި، ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ފުޓުބޯޅައެއް ފެނުނު ކަމަށްވެސް ކިސް ބުންޏެވެ.

"ނިއު ރޭޑިއަންޓް މޮޅުވީ. ވާރޭ ވެހުނަސް، ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެއް. އަހަރެންގެ ޓީމުން ކުދި ކުދި މައްސަލަތެއް އުޅޭ. ފަސް ވަރަކަށް ކުޅުންތެރިން ބަލިކޮށް އުޅުނީ. ހުން އައިސްގެން. އޭގެން ދެ ކުޅުންތެރިން ކުޅެންވެސް ކުޅުނު،" ކިސް ބުންޏެވެ.

ނިއުއިން އައިޒޯލް އެފްސީއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 6:15 ގައެވެ.