15 May 2018, 08:44
ޗެމްޕިއަންސް ލީގު ފައިނަލާ ދިމާކޮށް، ޔުކްރެއިންގެ ފްލައިޓްތަކާއި ހޮޓެލްތަކުގެ އަގުބޮޑުކުރުމުން ލިވަޕޫލްގެ ސަޕޯޓަރުންގެ ޔޫނިއަންއިން ރުޅިގަދަ ވެއްޖެއެވެ.
މިމަހުގެ 26 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ލިވަޕޫލުން ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލާ ދިމާކޮށް ޔުކްރެއިން ފްލައިޓްތަކުގެ ޓިކެޓް އަގު ބޮޑުކުރުމާއި، ކިއޭވްގެ ހޮޓެލްތަކުގެ އަގުތައް އުފުލުމާ ގުޅިގެން ލިވަޕޫލް ސަޕޯޓަރުންގެ ޔޫނިއަންގެ ފަރާތުން ޓޯނީ ބެރެޓް ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
"ދަތުރުފަތުރު އެހާ އުނދަގޫ، ޓިކެޓްގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަ ގައުމެއްގައި ފައިނަލެއް ބާއްވާތީ ސުވާލު އުފެދޭ. އުނދަގޫތައް ކުރިމަތިކުރަނީ ގަސްދުގައި. ލިވަޕޫލް ސަޕޯޓަރުންނަށް މިއީ އެންމެ އުފާވެރި ވަގުތުތަކަށް ވާން ޖެހޭނީ. އެކަމަކު ހުރިހާ ސަޕޯޓަރުންނަށްވެސް އުނދަގޫތައް މި ކުރިމަތިވަނީ،" ޓޯނީ ބްރެޓް ބުންޏެވެ.
ފްލައިޓްގެ ދެކޮޅު ޓިކެޓެއްގެ އަގު 1،400 ޕައުންޑަށް އަރާފައިވާ އިރު، މީގެ ހަފްތާއެއް ކުރިން އިނގިރޭސިވިލާތުން ކިއޭވްއަށް ދިއުމަށް އަރަނީ 200އާއި 300 ޕައުންޑުގެ އަގެކެވެ.
ހޮޓެލްތަކުގެ އަގުވެސް އިންތިހާއަށް ބޮޑުވަމުންދާ އިރު، ކިއޭވްގެ އާއްމު ރަތްޔިތުން ވަނީ ހިލޭ އެކޮމަޑޭޝަން ދޭން ފަށައިފައެވެ.
މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ލިވަޕޫލަށް ދީފައި ވަނީ 16،626 ޓިކެޓެވެ. ސްޓޭޑިއަމްއަކީ ޖާގައިގެން ގޮތުން 63،000 މީހުންގެ ސްޓޭޑިއަމްއެއް ނަމަވެސް ޔުކްރެއިންއިން ރެއާލްއާއި ލިވަޕޫލް ސަޕޯޓަރުންނަށް ދީފައި ވަނީ 33،252 ޓިކެޓެވެ. އަދި އިތުރުން 6،700 ދީފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުންދާ ސަޕޯޓަރުންނަށެވެ. ބާކީ ހުރިހާ ޓިކެޓެއް ދީފައި ވަނީ ކުރީގެ ކުޅުންތެރިންނާ، އޮފިޝަލުންގެ އިތުރުން ޕާޓްނަރުންނާއި މީޑިއާއަށެވެ.