14 May 2018, 12:37
ބައިނަލްއަގުވާމީ ކްރިކެޓްގެ މައި އިދާރާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ބޯޑުގެ އޭޝިއާ ރީޖަން ތަމްސީލު ކޮށްދޭނެ ބޯޑު މެމްބަރު ކަމަށް ރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްލާހް އިންތިހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
އަފްލާހަށް އައިސީސީގެ މެމްބަރުކަން ލިބިފައި ވަނީ މިދިޔަ ހުކުރު ދުވަހު ނެގި ވޯޓު 80 ޕަސެންޓް އަގުލަބިއްޔަތަކުން ކާމިޔާބުކޮށްގެންނެވެ. އޭޝިއާގެ މެމްބަރު 21 ގައުމަކަށްވެސް އެ ގޮނޑިއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވާ އިރު މިއީ ރާއްޖެ ވާދަކުރި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރުވެސް ވަރަށް ފުރިހަމަ ނަތީޖާއަކުން އަފްލާހް އިންތިހާބުވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވައިފައިވާ އިރު، އެ ކާމިޔާބު ލިބިވަޑައިގެންނެވީ އަފްލާހުގެ ތަޖުރިބާއިންނާއި މަސައްކަތުން ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ވަނީ ފުޓުބޯޅައިގެ ރޮގުން ދިވެހިރާއްޖެ މި ރީޖަންގައި ވިދާލާފައިވާ މިންވަރަށް ނޫނީ އެއަށްވުރެ ބޮޑު ކާމިޔާބަކާ ހަމައަށް ކްރިކެޓް ގެންގޮސްދެއްވުމަށް އަފްލާހުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ކްރިކެޓަށް ޒުވާނުން ތަމްރީނު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަފްލާހުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ސައުތް އޭޝިއާއަކީ ކްރިކެޓް ކުޅުމަށް ފޯރިހުންނަ ވަރުގަދަ ޓީމުތަކެއް ހިމެނޭ ރީޖަނެއްކަން ފާހަގަކުރައްވަމުން ދިވެހިރާއްޖެއިންވެސް މި ރީޖަންގައި ވާދަކުރެވޭވަރުގެ ކްރިކެޓް ޓީމެއް އުފައްދައި ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އިރު، އައިސީސީ މެދުވެރިކޮށް ކްރިކެޓްގެ ރޮނގުން ރާއްޖެއަށް ގެނެސްދެވެން ހުރި ތަރައްގީ ގެނެސްދިނުމަށާއި، ކްރިކެޓްގެ ދާއިރާއިން ސްކޯލާޝިޕްތައް ހޯދައިދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ވެދެއްވެންހުރި ހުރިހާ ރޮނގަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި އިންފްރާސްޓްރަކްޗަރ ބިނާކޮށްދެއްވުމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިއީ ކުޅިވަރެއްގެ މައި އިދާރާގެ ބޯޑެއްގައި ރާއްޖެ ތަމްސީލުކުރާ ފަރަތަމަ ފަހަރެވެ. އައިސީސީގެ ބޯޑު މެމްބަރު ކަމަށް އަފްލާހް ހޮވުމާއެކު އޭނާ އިއްޔެ "ސަން ސްޕޯޓްސް"އަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުޅިވަރަށް ރައީސް ޔާމީނު އަދި އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.
"ރާއްޖޭގެ ސަރުކާރުން، ހާއްސަކޮށް ރައީސް ޔާމީން ޕާސަނަލީވެސް ގުޅުއްވާ ކަންކަން އޮޅުން ފިލުއްވާ. ރާއްޖޭގެ ޒުވާނުންނަށް، ކުޅިވަރަށް ރައީސް ޔާމީން ކުރައްވާ މަސައްކަތުން މިފަދަ ކުރިއެރުންތައް ރާއްޖޭގެ ކުޅިވަރަށް މި އަންނަނީ،" އަފްލާހު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އަދި ރާއްޖޭގެ ކުޅިވަރު ލެޖެންޑް އިބްރާހީމް އިސްމާއީލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް އިމްޖާދު ޖަލީލްވެސް ބައިވެރިވެވެފައިވެއެވެ.
އޭޝިއާ ރީޖަންގެ މެމްބަރުގެ ގޮތުގައި އައިސީސީގެ ބޯޑު މެމްބަރުކަމަށް އަފްލާހް އިންތިހާބުވެފައިވާ އިރު، މިއަހަރު ޖޫން މަހު އަޔާލެންޑްގައި އޮންނަ އައިސީސީގެ އާއްމު ބައްދަލުވުމުގައިވެސް އަފްލާހު ބައިވެރިވާނެއެވެ.