05 Sep 2011, 12:53
ފުރާވަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ގދ. އަތޮޅުގެ ކުރީގެ އެމްޑީޕީ ކައުންސިލަރު އަދި ތިނަދޫ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ނިޔާޒް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޖުލައި 28، 2011 ގައި ހުށަހެޅި މައްސަލައެއްގައި ތިނަދޫން ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެތަނުން އެކަކަކީ 47 އަހަރުގެ މީހެއް ކަމަށާއި އަނެކަކީ 41 އަހަރުގެ މީހެއް ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކުރި 47 އަހަރުގެ މީހަކީ ކުރީގެ ކައުންސިލަރު ނިޔާޒް ޖިންސީ ގޯނާކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މަންމަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ނިޔާޒް ހައްޔަރު ކުރީ 16 އަހަރުގެ އަންހެން ކުއްޖަކާ އެކު "ޖިންސީ ގޯނާ ކުރަމުންދިޔަ" ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.
ނަމަވެސް އެ މައްސަލާގެ ތަފްސީލެއް ފުލުހުން ނުދެއްވި އެވެ.
"ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ދެ މީހުން ހައްޔަރު ކުރީ. އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އަދި އިތުރު މައުލުމާތެއް ދެވެން ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުންދާ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދިޔަ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައީ ހެލްތު މިނިސްޓްރީގެ ޖެންޑާ ޑިޕާޓްމަންޓުންނެވެ.