ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ޔުވެންޓަސްއިން އިޓަލީގެ ސެރެއާ އޭ ކާމިޔާބުކޮށްފިއެވެ.

ރޭގެ ކުޅުނު ލީގު މެޗުގައި ޔުވެންޓަސްއިން ނުކުތީ ރޯމާއާ ދެކޮޅަށެވެ. އެ މެޗަށް ނުކުތް އިރު، ލީގު ޔަގީން ކުރަން އެޓީމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ޔުވެންޓަސްއިން 37 މެޗުން 92 ޕޮއިންޓް ހޯދައިފައިވާ އިރު، ދެވަނަގައި އެންމެ ގާތުން ވާދަކުރި ނަޕޯލީއަށް 37 މެޗުން ލިބެނީ 88 ޕޮއިންޓެވެ. އިޓާލިއަން ސެރެއާ އޭ ގައި އަދި ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އެބައޮތެވެ.

ޔުވެންޓަސްއިން ރޯމާއާ ދެކޮޅަށް ރޭ ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ. މެޗުގެ 68 ވަނަ މިނެޓުގައި ރޯމާގެ ރަޖާ ނައެންގޮލާންއަށް ދެއްކި ރަތް ކާޑަށްފަހު ރޯމާއިން ކުޅެފައި ވަނީ ކުޅުންތެރިއަކު މަދުކޮށެވެ.

މި ސީޒަންގެ އިޓާލިއަން ކަޕްވެސް ކާމިޔާބު ކުރި ޔުވެންޓަސް ވަނީ މިހާތަނަށް 34 ފަހަރު ލީގު ކާމިޔާބުކޮށްފައެވެ. އެޓީމަކީ އެންމެ ގިނަ ފަހަރު އިޓަލީގެ ލީގު ކާމިޔާބުކުރި ޓީމުވެސް މެއެވެ.

އިޓާލިއަން ސެރެއާ އޭގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތް އިރު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު މަގާމު ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ޗެމްޕިއަން ޔުވެންޓަސްގެ އިތުރުން ނަޕޯލީއައި ތިންވަނައިގައިވާ ރޯމާއެވެ. ހަތަރު ވަނަ މަގާމަށް ވާދަކުރަނީ ލާޒިއޯއާއި އިންޓަ މިލާނެވެ.