14 May 2018, 11:18
ހިޔާ މަޝްރޫއުގެ ދަށުން، ސަރުކާރުގެ ފެން ކުންފުނި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ އިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ އެޕާޓްމެންޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފި އެވެ.
މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުން އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ޗެއާޕާސަން އަހުމަދު ނާސިރެވެ.
އެމްޑަބްލިއުއެސްސީ ހިޔާ ސްކީމް އިފްތިތާހު ކުރުން --- ސަން ފޮޓޯ: ފަޔާޒް މޫސާ
އެމްޑަބްލިއުއެސްސީ އިން އަޅާ 15 ބުރީގެ ދެ ޓަވަރުގައި ޖުމްލަ 384 އެޕާޓްމެންޓް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްކޮޓަރީގެ އެޕާޓްމެންޓުގެ އިތުރުން ދެ ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓާއި، ތިން ކޮޓަރި، އަދި ތިން ކޮޓަރިއާއި ގުދަން އެކުލެވޭ އެޕާޓްމެންޓެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާ ފްލެޓްތައް ދޫކުރާނީ ހެޔޮ އަގެއްގައި ކަމަށެވެ.
ފްލެޓްތަކަށް އެޑްވާންސް ދެއްކުމަށް ހަތަރު މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އުސޫލެއް ވެސް ހަމަޖެހިފައިވާ ކަމަށާއި ބޭންކްތައް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީ ހިޔާ ސްކީމް އިފްތިތާހު ކުރުން --- ސަން ފޮޓޯ: ؛ފަޔާޒް މޫސާ
މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ފޯމު ހުށަހެޅުން ހުޅުވާލާފައިވާ އިރު އެއްކޮޓރީގެ އެޕާޓްމެންޓްގެ އަގު އުޅެނީ 700،000 ރުފިޔާ އާއި 805،000 ރުފިޔާއާ ދެމެދުގަ އެވެ. ދެ ކޮޓެރީގެ އެޕާޓްމެންޓުގެ އަގު އުޅެނީ 1.3 މިލިއަނާއި 1.4 މިލިއަން ރުފިޔާ އާ ދެމެދުގަ އެވެ.
ތިން ކޮޓަރީގެ އެޕާޓްމެންޓްގެ އަގު 1.4 މިލިއަން ރުފިޔާ އަށް އުޅޭ އިރު ތިން ކޮޓެރި ސްޓޯރޭޖާ އެކު ވިއްކާ އަގަކީ 1.6 މިލިއަން ރުފިޔާ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީ އިން އަޅާ ފްލެޓްތަކުގެ މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އިންނެވެ. މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ ދެ އަހަރު ތެރޭގަ އެވެ.
އެމްޑަބްލިއުއެސްސީ ހިޔާ ސްކީމް އިފްތިތާހު ކުރުން --- ސަން ފޮޓޯ: ؛ފަޔާޒް މޫސާ
ހިޔާ މަޝްރޫއުގެ ދަށުން 100،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ އެވެ. މި މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ފޯމު ދޫކުރަން ވަނީ ފަށައިފަ އެވެ. ކުންފުނިތަކުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާން ބައެއް ކުންފުނިތަކުން ވަނީ ހުޅުވާލައިފަ އެވެ.