14 May 2018, 10:57
ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލު ކާތިކް އާރްޔަން ކަރަން ޖޯހަރުގެ ފިލްމަކުން ފެންނަން އުޅޭ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ލީޑުގައި ކުރިން ކަރީނާ ކަޕޫރު އަދި ސިދާތް މަލްހަތްރާ ހަމަޖައްސައިފައިވީ ނަމަވެސް ފިލްމަށް އާ ދެ ލީޑުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެއީ ޖާންވީ އަދި ކާތިކް ކަމަށް ވެސް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ.
ފިލްމު ރަސްމީކޮށް އިއުލާންކޮށްފައިނުވާއިރު ފިލްމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ކަރަން އެއް ނުދައްކަ އެވެ. ނަމަވެސް ފިލްމު ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ފިލްމުގައި އެ ދެތަރިން ހަރަކާތްތެރިވާ ކަމަށްވާ ނަމަ އެ ދެތަރިން އެއްކޮށް ފެނިގެންދާނެ ފިލްމަށް އެ ފިލްމު ވެގެންދާނެ އެވެ.
ޖާންވީ ބޮލީވުޑަށް ނުކުންނަ ފުރަތަމަ ފިލްމު "ދަޅަކް" ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.
'ދަޅަކް' އަކީ 2016 އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު'ގެ ރީމޭކް އެކެވެ.
މަސްދަރު: ޓައިމްސް އޮފް އިންޑިއާ