05 Sep 2011, 12:38
ކުރީގެ އީޕީއެސް ސްކޫލް ހުރި މއ. ޗާނދަނީގޭގައި އިމާރާތް ކުރަން ފެށި އަރަބިއްޔާ ސްކޫލުގެ ހަތް ބުރީގެ އައު އިމާރާތުގެ މަސައްކަތް މާލާ ހައިރައިޒިން ކޮންސްޓްރަކްޝަން އިން ހުއްޓާލުމުން އެ މަސައްކަތް އެލް އެފް ކޮންސްޓްރަކްޝަން އާ ހަވާލުކުރަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ މާލާ ހައިރައިޒިން އިން އެ މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށް ނުގެންދާތީ އަލުން ބިޑަށް ލާ އިވެލުއޭޓް ކުރުމަށް ފަހު އެ މަސައްކަތް މިހާރު ހަވާލުކުރަން ނިންމާފައި ވަނީ 28.9 މިލިއަން ރުފިޔާ އަށް އެލް އެފް ކޮންސްޓްރަކްޝަން އާ ކަމަށެވެ. އެ މަސައްކަތް އެ ކުންފުނިން 260 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ސާމީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިވެލުއޭޝަން ނިންމާފައި އެކަމަށް އެންމެ ގާބިލް އެއްފަރާތާ މި ހަވާލުކުރެވުނީ އެ މަސައްކަތް،" ސާމީ ވިދާޅުވި އެވެ.
މާލޭގައި ހަދާ އެ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ކޮށްފައި ވަނީ މާޗް މަހު އެ މަސައްކަތް ކުރުމަށް ހަވާލުވި މާލާ ހައިރައިޒިން އިންނެވެ. އެ ކުންފުނިން އެ މަސައްކަތް ހުއްޓާލީ ޑޮލަރުގެ އަގަށް ބަދަލު ގެނައުމުން އެ ކުންފުންޏަށް އެ އަގުގައި އެ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އެވެ.
މާލާ ހައިރައިޒިން އާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ނުވަ މަސްދުވަހުގެތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށް 29 މިލިއަން ރުފިޔާ އަށެވެ.