14 May 2018, 10:18
ޖަކާޓާ (މޭ 14): އިންޑޮނޭޝިއާގެ ސުރަބަޔާގައި އިއްޔެ ތިން ފައްޅިއަކަށް ބޮމުގެ ހަމަލާ ދިން އާއިލާ މީގެ ކުރިން ސީރިއާއަށް ދިޔަ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ތޭރަ މީހަކު މަރުވި އެ ހަމަލާތަކަކީ ދެމަފިރިއަކާއި އެ ދެ މީހުންގެ ހަތަރު ދަރިން އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކެކެވެ. އެދެމަފިރިންގެ ދަރިންނަކީ ނުވަ އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކަމަށް ފުލުހުން ބުންޏެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޕޮލިސް ޗީފް ޓިޓޯ ކަރުނާވިއަން ވިދާޅުވި ގޮތުގައި އެމީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ޖަމާއަތެއް ކަމަށްވާ ޖަމާހް އަންޝަރުތް ދައުލަތް (ޖޭއޭޑީ)ގެ މެމްބަރުންނެވެ.
ފުލުހުން ބުނި ގޮތުގައި އެހަމަލާގައި ބައިވެރިވި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ އަކީ ޖޭއޭޑީގެ ލީޑަރެކެވެ. އަދި އެއާއިލާއަކީ ދާދި ފަހުން ސީރިއާއިން ޑީޕޯޓު ކުރި އިންޑޮނޭޝިއާ މީހުންގެ ތެރޭގައި ހިމެނޭ އާއިލާއެއް ކަމަށް ކަރުނާވިއަން ވިދާޅުވި އެވެ. ނަމަވެސް އެއާއިލާގެ މެމްބަރުން އައިއެސްއާ ގުޅިގެން ސީރިއާގައި ހަނގުރާމަ ކުރި ކަމަށް ފުލުހުން ނުބުނެ އެވެ.
އިންޑޮނޭޝިއާގެ 260 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ނުވަ ޕަސެންޓު ހިއްސާ ކުރަނީ ނަސާރާ ދީނަށް ތަބާވާ މީހުންނެވެ. (ބީބީސީ)