މާލޭ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ހަފްތާގެ ފުރަތަމަ ކުޅުނު މެޗުގައި ވާދަކުރީ ޔުނައިޓެޑް ވިކްޓަރީއާއި ކްލަބު ގްރީން ސްޓްރީޓްސް އެވެ. އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗުގެ ކުރީ ކޮޅުގައި ޔޫވީން ގޯލެއް ޖަހައިފައިވަނިކޮށް، ގްރީން އިން ނަތީޖާ ހަމަހަމަ ކުރީ ފަހު މިނެޓުގައި ގޯލެއް ޖަހައިގެންނެވެ.

"ވަރަށް ދަށް ދުވަހެއްގައި މި ގޮތަށް ދިޔައިމައި ހިތްހަމަ ޖެހުނު. އެއީ މި ޕޮއިންޓް ހުރިހާ އިރެއްގައި ވެސް މުހިއްމު ޕޮއިންޓަކަށްވާނެ ކަމަށް ގަބޫލުކުރަނީ،" ޔޫވީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ގްރީންގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.

"އެންމެބޮޑަށް ދިމާވި ކަމަކީ ގްރީންއިން ކިތައްމެ ވަރަކަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ރަނގަޅު އެޓޭކްތަކެއް ނޫފެއްދޭ. ފުރަތަމަ ހާފްގައި ތަނަވަސްކުރި ރަނގަޅު ފުރުސަތުތަކެއް. ދެން އިލިއާއަށް ލިބުނު ރަނގަޅު ފުރުސަތެއް. މި ކަހަލަ މެޗެއްގައި އުނދަގޫ ހާލަތްތަކުގައި ލިބޭ ބޯޅަ ނުޖަހައިފިއްޔާ ޕްރެޝަރަށްދާނެ،" ސުޒޭން ބުންޏެވެ.

ގްރީންއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ޔޫވީން ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށެވެ. މެޗުގައި ޔޫވީގެ ޑިފެންޑަރު އަހުމަދު އަވީންއަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗާ ގުޅިގެން ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފަހު ވަގުތު އެއްވަރުވާން ދިމާވީ ޔޫވީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.

"މެޗު ހޯދޭ ވަރަށް އަޅުގަނޑުމެންނަށް ފުރުސަތުތައް ލިބުނު. ފަހު ހާފް ފެށިގެން އޯޕަން ފުރުސަތޭ މިކިޔާ ވަރުގެ ހަތަރު ފަސް ފުރުސަތެއް ލިބުނު. އެހެންވީމަ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން މިދިޔައީ،" ނަޒީހު ބުންޏެވެ.

ނަޒީހު އިތުރަށް ބުނީ ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތް ވަރަށް ރަނގަޅު ކަމަށާއި ގޯލް ވަންނަން ދިމާވީ ފަހުވަގުތު ކޮންސަންޓްރޭޝަން ގެއްލިގެން ކަމަށެވެ.

މި ހަފްތާގެ ނަތީޖާއާ އެކު ޔޫވީއަށް ނުވަ މެޗުން ލިބެނީ ހަތް ޕޮއިންޓެވެ. އެޓީމު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގަ އެވެ. ކުޅުނު ނުވަ މެޗުން، ނުވަ ޕޮއިންޓާ އެކު ގްރީން އޮތީ ލީގު ތާވަލުގެ ހަވަނައިގަ އެވެ.

މާލޭ ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހަފްތާގެ އާދީއްތައިން ފެށިގެން ބުދަ ދުވަހާ ހަމައަށެވެ. އެއީ ރޯދަ މަސް ކަމަށްވުމުން މެޗުތައް އޮންނާނީ ރޭގަނޑު 10:00 އިން ފެށިގެންނެވެ.

ޔޫވީން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނަ އިރު، ގްރީނުން ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.