14 May 2018, 15:59
ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަލްމާން ހާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނުކުންނަ ފިލްމު "ލަވްރާތުރީ" އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކުރިން މި ފިލްމު ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖެހުނު ނަމަވެސް ފިލްމު ރިލީޒްކުރުން ވަނީ އެއް މަހަށް ފަސްކޮށްފައެވެ. ފިލްމު ލަސްކުރި ސަބަބެއް ހާމަކޮށްފައިނުވާއިރު ފިލްމުގައި އާޔުޝްއާ އެކު ހަރަކާތްތެރިވާނެ ބަތަލަކީ ވަރީނާ ހުސައިނެވެ.
އޭނާ އަކީ ވެސް ބޮލީވުޑަށް އަލަށް ތައާރަފްވާ ކުއްޖެކެވެ. އިރާގުގެ ބައްޕައަކާއި އަފްޣާން މަންމައަކަށް ލިބުނު ހަމަ އެކަނި ދަރި ވަރީނާއަކީ މޮޑެލްކުރަން ދަންނަ، ކުޅަދާނަ އަންހެން ކުއްޖެކެވެ. އޭނާއަކީ ނިއުޔޯކް ފިލްމް އެކަޑަމީގެ ގްރެޖުއޭޓެއްވެސް މެއެވެ.
ލަވްރާތުރީއިން ބޮލީވުޑަށް އާ މޫނުތަކެއް ފެނިގެންދާނެ ކަމަށް ފިލްމުގެ ޓީމުން މީގެ ކުރިން ވަނީ ބުނެފައެވެ. އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ އެެ ފިލްމަކީ ލޯބީގެ ފިލްމެކެވެ.