05 Sep 2011, 10:29
ޔޫރަޕްގެ ޓްރެވެލް މަޖައްލާއެއް ކަމަށްވާ ކޮންޑަނާސް ޓްރެވެލެސް އިން ދޭ އެވޯޑެއް ކަމަށްވާ ކޮންޑްނާސްޓް އަނުއަލް ރީޑާސް އެވޯޑް ރާއްޖޭގެ ރިޒޯޓެއް ކަމަށްވާ ފޯސީޒަން ރިޒޯޓް، ކުޑަހުރާ އަށް ލިބިއްޖެ އެވެ.
ކުޑަހުރައިން ހާމަކޮށްފައިވާ ގޮތުގައި އެ ރިޒޯޓަށް ކޮންޑަނާސްޓް ޓްރެވެލާސް 14 ވަނަ އަހަރީ އެވޯޑް ލިބުނީ ދުނިޔޭގެ އެންމެ ރަނގަޅު 100 ރިޒޯޓްގެ ތެރެއިން ކިއުންތެރިންގެ އެންމެ ގިނަ ވޯޓް އެރިޒޯޓަށް ލިބިގެން ކަމަށެވެ.
ކުޑަހުރާ އަށް އެވޯޑް ލިބުނީ ޕޮއިންޓް ދިނުމުގައި ބަލާ މައިގަނޑު ދާއިރާތަކުގެ ތެރެއިން 10 ދާއިރާއަކުން އެންމެ ގިނަ ޕޮއިންޓް ލިބިގެން ކަމަށާއި އެގޮތުން އާއިލީ ރަހުމަތްތެރި ކަމާއި ރެސްޓޯރެންޓްތަކުގެ ކާތަކެތީގެ ފެންވަރު ރަނގަޅުވުން ހިމެނޭ ކަމަށް އެރިޒޯޓުން ބުންޏެވެ.
ކުޑަހުރާ އިން ބުނެފައިވާ ގޮތުގައި އެރިޒޯޓުން މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަހަރަކީ އެރިޒޯޓްގެ އެންމެ ރަނގަޅު އަހަރަށް ހެދޭތޯ ކަމަށާއި އެގޮތުން މެރިން ޑިސްކަވަރީ ސެންޓަރެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ވެލާ ހިމާޔަތްކޮށް އާލާކުރުމުގެ ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި އޮތް ފޯސީޒަންގެ އަނެއް ރިޒޯޓްކަމަށްވާ ފޯސީޒަންސް ރިޒޯޓް، ލަނޑާގިރާވަރު އަށް ވަނީ ރީޑާސް ޓްރެވެލް އެވޯޑްގައި ރާއްޖޭގެ އެންމެ ރަނގަޅު ރިޒޯޓްގެ މަގާމް ލިބިފަ އެވެ.
ފޯސީޒަންސް އަކީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗޭނެއް ކަމަށް ވާއިރު އެކުންފުނިން ދުނިޔޭގެ 35 ގައުމެއްގައި 83 ހޮޓަލެއް ހިންގަ އެވެ. އަދި މިހާރު ވެސް ހޮޓާ ހެދުމުގެ 40 މަޝްރޫއެއް ކުރިއަށް ދާކަމަށް ވެސް އެކުންފުނިން ބުންޏެވެ.