އއ. ތޮއްޑޫ ކައިރިއަށް މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތޮއްޑޫގެ އުތުރުން 3 މޭލު ބޭރުން ބަންޑުން ޖަހާލާފައިވަނީ 'މަސް ނަނު' ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށާއި އެ ހާދިސާ ހިނގާފައިވަނީ މިއަދު އިރު އޮއްސި ހަތެއް ޖަހައިކަންހާ އިރު ކަމަށެވެ.

މާލެއިން ފުރައިގެން ބ. ސޮނެވާފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި 95 ފޫޓުގެ އެ ދޯނީގައި ފަސް މީހުން ތިބި ކަމަށާއި އެ ފަސް މީހުން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ސީ އެމްބިއުލައިންސެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ފަސް މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ދޯނި ބަންޑުން ޖަހާލުމުގެ ސަބަބުން އޭގައި ހުރި ގިނަ އަދަދެއްގެ މުދާ އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.