ގައުމީ ބޭންކުގެ ފައިދާ، ހަތަރު އަހަރު ތެރޭގައި ދެގުނައަށް އިތުރުކުރެވިއްޖެ ކަމަށާއި އެއީ ހަރުދަނާކޮށް ވިޔަފާރި ފުޅާކުރުމުގެ ނަތީޖާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

މިހާރު ހޮޓެލް ޖެންގައި ކުރިއަށްދާ ބޭންކް އޮފް މޯލްޑިވްސްގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ގައުމީ ބޭންކުގެ، އަޔަލެންޑަށް ނިސްބަތްވާ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބީއެމްއެލްގެ ފައިދާ ދެގުނައަށް އިތުރުކުރެވިފައިވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް އެންޑްރޫ އައްޔަނުކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ބީއެމްއެލްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ދެހާސް ސާދަވަނަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 551 މިލިޔަން ރުފިޔާއެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އެ ބޭންކުން ވަނީ ފައިދާ ދެގުނަކޮށް، 1.03 ބިލިޔަން ރުފިޔާ ހޯދައިފައެވެ.

ސީއީއޯ ހީލީ ވިދާޅުވީ ފައިދާ ދެގުނަކުރެވުމަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރި ފުޅާކުރެވި، އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަރަށް ބޮޑުތަން ދަށްކުރެވުމުން ކަމަށެވެ.

ބީއެމްއެލްއިން އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ 20.3 ޕަސަންޓުން 4.1 ޕަސަންޓަށް ދަށްކޮށްފައެވެ.

މީގެ އިތުރުން އެންޑްރޫ ވަނީ، ހަތަރު އަހަރު ތެރޭގައި ބޭންކުގެ ހިއްސާގެ އަގަށް 240 ޕަސަންޓުގެ ކުރިއެރުމެއް އައިސްފައި ވާކަން ފާހަގަކުރައްވައި، އެކަމުގެ ފައިދާ ހިއްސާދާރުންނަށް ލިބެމުން ދާކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ މުއްދަތުގައި ޓެކްސްއާއި ހިއްސާގެ ފައިދާގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ސީއީއޯ ހީލީ ވިދާޅުވިއެވެ.

އެންޑްރޫ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއަށް ބޭންކުން އިންވެސްޓް ކުރަމުން ދާއިރު، ބީއެމްއެލްއިން ހިންގާ ކޮންމެ 10 މުއާމަލާތެއްގެ ތެރެއިން ނުވަ މުއާމަލާތް ހިނގަނީ އޮންލައިންކޮށް ކަމަށެވެ. އަދި މޯބައިލް، އިންޓަނެޓް އަދި ސެލްފް ސާވިސް ބޭންކިންގް ތައާރަފުކުރެވިފައި ވާ އިރު، ބޭންކުގެ ބްރާންޗުތަކުގައި ކިއު ކުޑަކުރެވިފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު އޮންލައިންކޮށް 30 މިލިޔަން މުއާމަލާތް ކުރެވުނު އިރު، މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެއް. މި މުއާމަލާތްތަކުން ބްރާންޗުތަކުގެ ކިއު ކުޑަކުރެވިގެން ދިޔަ،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އޭނާ ވިދާޅުވި ގޮތުގައި، ބީއެމްއެލްގެ ކަސްޓަމާ ސެޓިސްފެކްޝަން ލެވެލް މިހާރު ވަނީ އޭޝިއާ ސަރަައްދުގެ އެވަރެޖަށް ވުރެ އަށް ޕަސަންޓު މަތީގައެވެ.

އޭނާ އިތުރަށް ވިދާޅުވީ މުޖުތަމައަށް އެހީތެރިވުމަށް ބީއެމްއެލްއިން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު އެކަނި ވެސް 300 މިލިޔަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށާއި، ބޭންކަށް ލިބޭ ފައިދާ މުޖުތަމައަށް އަނބުރާ ދިނުމުގެ ގޮތުން ކުރާ އިންވެސްޓްމެންޓްތަކުން މުޖުތަމައަށް ވަރަށް ބޮޑަށް މަންފާ ކުރާ ކަމަށެވެ.

"ވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ބްރާންޗު ނެޓްވޯކު 30 ޕަސަންޓަށް ފުޅާކުރެވި، 35 ސެލްފް ސާވިސް ބޭންކިންގް ސެންޓަރާ އެކު އޭޓީއެމްތައް ވެސް ދެގުނައަށް އިތުރުކުރެވިއްޖެ. މިހާރު ކޮންމެ އަތޮޅެއްގައި ބޭންކުގެ ބްރާންޗެއް، އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބްރާންޗެއް، އޭޓީއެމެއް ނުވަތަ އޭޖެންޓެއް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.