13 May 2018, 19:13
ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ގާނޫނީ ވަކީލާ ހިސާން ހުސެއިން އެ ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.
ކްރިމިނަލް ކޯޓަށް ހިސާން ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރަށެވެ.
ކްރިމިނަލް ކޯޓަށް ހިސާން ހާޒިރުކުރަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރި ޝަރީއަތާ ގުޅިގެން މީޑިއަގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށް ހިސާންއަށް ފޮނުވި އަމުރުގައި ވެއެވެ.
ރަސްމީ ހައިސިއްޔަތަކުން ކުރަންޖެހޭ ކަންކަމަށް ނުފޫޒް ފޯރުވުމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަނީ އެއް އަހަރާ ހަތް މަހާ ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
ހުކުމާ ގުޅިގެން ދެ ފަނޑީޔާރުންގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އަވަސް އަރުވާލައިގެން ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. އަދި ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ގޮތުން ހިތް ހަމަ ނުޖެހޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.