ތައުލީމާއީ ތަމްރީން ދިނުމުގެ ހިދުމަތް ދިނުމަށް އަމިއްލަ ބަޔަކަށް ސަރުކާރުން ދޫކޮށްފައިވާ އީޕީއެސް ސްކޫލާއި އެމްއީއެސް ސްކޫލް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްގެން ހިންގުމުގައި "ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ނެގުމުގެ ފުރުސަތު އޮތްތޯ" ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން ބުނެފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރުމަށް އިންވެސްޓިގޭޓަރަކާ ހަވާލުކޮށްފައިވާ ކަމަށާއި ތަހުގީގޮށް ނިންމުމަށް ފަހު، މީޑިއާ އާ ވެސް އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

އޭސީސީން ބުނެފައި ވަނީ އެ ދެ ސްކޫލް ކުއްޔަށް ދޫކޮށްފައި ވަނީ އިއުލާންކޮށްގެން ވެސް ނޫން ކަމަށެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ އެ ދެ ތަން ކުއްޔަކާ ނުލައި "ގުޅިގެން ހިންގުމުގެ" ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ތިން ވަނަ ފަރާތަކަށް ދީފައި ވިއަސް، އެ ދެ ސްކޫލް ހިންގަނީ އިންޑިޕެންޑެންޓްކޮށް މާލީ ފައިދާ ލިބޭ ގޮތަށް ކަމަށްވާތީ "އެ ދެ އިމާރާތް ސަރުކާރަށް ނެގުމަށް ފަހު، އަލުން އިއުލާންކޮށްގެން ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެންގި" ކަމަށެވެ. " އަދި މި އެންގުން އަންގާ އިރު، އެކަން ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީން ހަމަޖައްސާ އުސޫލެއް މަސް ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް އެންގުމަށް ވެސް ނިންމި" ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

http://sun.mv/albums/l_1526.jpg

އޭސީސީގެ ރިޕޯޓްގައި ބުނެފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީން ގ. ބޮޑުފެންވަޅުގޭ، މުހައްމަދު މުސްތަފާ ހުސައިން އާއި ގ. ފުންފެން، އަހުމަދު މުހުތަބާ އާއި ހ. ދިވެހިގޭ، އަހުމަދު ޝަރީފަށް، ކުރީގެ އީޕީއެސް ސްކޫލްގެ އިމާރާތް އިއުލާންނުކޮށް އަދި ކުއްޔަކާ ނުލައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ކުއްޔަށް ދީފައި ވަނީ ދަރިވަރުންގެ އަތުން ކުޑަ ފީއެއް ނެގުމުގެ މަގްސަދުގައި ކަމަށް އެޑިޔުކޭޝަނާ އެ ތިން ބޭފުޅުންނާ އެކު ކޮށްފައިވާ އެގްރީމަންޓުން އެނގޭ ކަމަށެވެ.

"]ނަމަވެސް[ 27 ޑިސެމްބަރު 2008ގައި އައިލެންޑާސް މޯލްޑިވްސް އާއި އީޕީއެސްއާ ދެމެދު ވެފައިވާ އެގްރީމަންޓްގެ އަށް ވަނަ މާއްދާގައި އައިލެންޑާސް މޯލްޑިވްސް އަށް އީޕީއެސް ސްކޫލް ހިންގައިގެން ލިބޭ ނެޓް ޕޮރޮފިޓްގެ 33 ޕަސެންޓް ކޮންމެ އަހަރަކު ވެސް އީޕީއެސް އަށް ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި" ވާ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓްގައިވެ އެވެ.

އޭސީސީ އިން މި އަހަރު ނެރުނު މިދިޔަ އަހަރުގެ ރިޕޯޓާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީ އިން އޭސީސީ އަށް ދިން ޖަވާބުގައި ބުނެފައި ވަނީ ތައުލީމީ ހިދުމަތެއް ކަމަށް ވިއަސް، ދެމެހެއްޓެނިވި ގޮތެއްގައި އަދި ރަނގަޅު ފެންވަރަކަށް ހިދުމަތެއް ދެވޭނީ ސްކޫލް ހިންގަން އެ މިނިސްޓްރީން ހަވާލުކޮށް ޒިންމާ ކުރުވާފައިވާ ފަރާތާއި ހިދުމަތް ދިނުމަށް އެ ފަރާތުން ބައިވެރިވާ ފަރާތަކާ ދެމެދު "ފައިދާއެއް ހިއްސާ ކުރުމަކީ މައްސަލައެއް ކަމުގައި ނުދެކޭ" ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، ސިނަމާލެ 3، 04-34 އަލީ މުސްތަފާ އަށާއި މ. ސީނާ އަހުމަދު ޒާހިރަށް ކުރީގެ އެމްއީއެސް ސްކޫލް ހިންގި އިމާރާތް ހަވާލުކޮށްފައި ވަނީ ތިން ވަނަ ފަރާތަކަށް ދީގެން ހިންގުމުގެ ހުއްދަ ލިބިދޭ ގޮތަށް ކަމަށާއި އެމްއީއެސްގެ އިމާރާތް މިހާރު ބޭނުން ކުރާ މަންދު ލާނިން ސެންޓަރާއި އެ ދެ ބޭފުޅުންނާ ދެމެދު އެއްބަސްވުމެއް އޮތަސް، އެޑިޔުކޭޝަން މިނިސްޓްރީއާއި މަންދު ލާނިން ސެންޓަރާ ދެމެދު އެފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އީޕީއެސް އާއި އެމްއީއެސްގެ އިމާރާތުގައި ހިންގާ ދެ ސްކޫލުން ވެސް ދަރިވަރުންގެ އަތުން ނަގާ ފީ ފާސްކުރަނީ އެ މިނިސްޓްރީން ކަމަށެވެ. އަދި ކުއްޔަކާ ނުލައި އެ ދެ ތަން ދީފައި ވަނީ އެ ސްކޫލްތަކުން ޝާނަވީ މަރުހަލާގައި ކިޔަވާ 15 ކުއްޖަކަށް ޓިއުޝަންފީ އަކާ ނުލައި ކިޔަވައިދިނުމަށް ޝަރުތުކޮށް ކަމަށެވެ.

އޭސީސީ އިން ބުނީ އެޑިޔުކޭޝަނުން އެ ޖަވާބު ދިނަސް އެ މައްސަލަ އަދި ނުނިންމާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.