13 May 2018, 18:41
ސިއްހީ ހާލަތު ތަން ނުދޭތީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް މިއަދުވެސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވޭ ގޮތް ނުވެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.
ރައީސް މައުމޫނުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީސް މިއަދު ތިނެއް ޖަހާއިރަށް ތާވަލުކުރި ނަމަވެސް ރައީސް މައުމޫނަށް ހާޒިރުވެ ވަޑައި ނުގެންނެވުމުގެ ސަބަބުން ޝަރީއަތުގެ މަޖިލީސް ވަނީ ކެންސަލް ކޮށްފައެވެ.
ވޭތުވެ ދިޔަ ހަފްތާވެސް ރައީސް މައުމޫނަށް އެއްވެސް ޝަރީއަތުގެ މަޖިލީހަށް ވަޑައިގެންނެވިފައެއް ނުވެއެވެ.
ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހި އަބަދުވެސް މީހަކު ކައިރީ ބަހައްޓަން ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފައެވެ.
އާއިލާއިންނާއި ރައީސް މައުމޫނުގެ ވަކީލުން ވަނީ ތަކުރާރުކޮށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދޭން އެދިވަޑައިގެންފައެވެ. ނަމަވެސް ގޭ ބަންދަށް ބަދަލު ކުރެވެން ނެތް ކަަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ރައީސް މައުމޫނު ބަންދުކޮށްފައިވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ރައީސް މައުމޫގެ މައްޗަށް ވަނީ ދެ ދައުވާއެއްވެސް އުފުލައިފައެވެ.
ޝަރީއަތްތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް ސިއްހީ ހާލަތު ގޯސްވެ ޝަރީއަތްތަކަށް ރައީސް މައުމޫނަށް ހާޒިރުވެޑައިނުގެންނެވެއެވެ.