މުޖުތަމައުގައި ދިރިއުޅޭ، ޒަރޫރީ ހާޖަތްތައް ފުއްދުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ރޯދަ މަހު ޖަމްއިއްޔަތުއްސަލަފުން ހިންގަން ނިންމި ހަރަކާތުގައި 130 އާއިލާއަކުން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ނިކަމެތިންނަށް ހެޔޮކަމުގައި ހޭދަކުރުމަށް އޮތް ދަތިކަން ފިލުވާލަދިނުމަށް "ސަނާބިލް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދަން ނިންމި އެ ޕްރޮގްރާމްގައި ރޯދަ މަސް ނިމެންދެން، އެހީތެރިކަން ބޭނުންވާ ނިކަމެތި އާއިލާތަކަށް ސަލަފުން ކާބޯތަކެތި ހިލޭ ފޯރުކޮށްދޭނެއެވެ.

ނަމަވެސް އެ އާއިލާތައް ކަނޑައަޅާނީ ޕޮއިންޓް ލިބޭ އުސޫލަކުންނެވެ.

ސަލަފުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝަރީފް މިއަދު 'ސަން'އަށް ވިދާޅުވީ، އެކަމުގައި ބައިވެރިވާން ބޭނުންވާ އާއިލާތަކަށް ހުޅުވާލި ފުރުސަތު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަށް ހަމަވިއިރު، 130 އާއިލާއަކުން ބައިވެރިވެފައިވާ ކަމަށެވެ.

އަދި މިހާރު ކުރަމުންދަނީ އެ އާއިލާތަކުގެ ޝަރުތު ހަމަވޭތޯ ބެލުމުގެ މަސައްކަތް ކަމަށާއި އެކަން މިރޭ ނިންމައި، މާދަމާ އެހީ ފޯރުކޮށްދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހީއަށް އެދުނު ބައެއް އާއިލާތައް ޝަރުތު ހަމައެއް ނުވޭ. ޝަރުތު ހަމަނުވާ ދެ ހާލަތެއް މި އޮންނަނީ. އެއީ ޑޮކިއުމަންޓަރީ ހަމަ ނުވުން. ނުވަތަ ފަގީރުކަން ބަލައި ނިސްބަތަށް ނުފެތުން. ކުރިން އަޅުގަނޑުމެން ނިންމީ ވަކި އަދަދަކަށް އެހީ ދޭން. ނަމަވެސް މިހާރު ފަގީރުކަން ބަލާ ގޮތް ވޭރީ ވާތީވެ އެކަންކަން ބެލުމުގެ ކަންކަން މިދަނީ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ޖަމިއްޔާގެ އަމާޒަކީ އެހީދޭ އާއިލާތަކަށް މި ރޯދަ މަހު މަދު ނުވާ އަދަދަކަށް އެހީ ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެންމެ ކުޑަވެގެން އާއިލާއަކަށް 1500 ރުފިޔާގެ ތަކެތި ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އާއިލާތަކަށް ދޭނީ ޕެކޭޖްތަކެއް. ނަމަވެސް އެ ޕެކޭޖްތަކުގެ ތެރެއިން ލިބިފައި ހުރި އެއްޗެހީގެ ތެރެއިން އެ އާއިލާއަކަށް ކޮންމެވެސް ގޮތަކުން ލިބިފައި ހުރި އެއްޗެހި ބަދަލުކޮށްދޭނެ. ނުވަތަ ސަޕްލައި ކޮށްދޭ އެއްޗެހީގެ ތެރެއިން ކޮންމެވެސް ހާލަތަކާ ހުރެ ބޭނުން ކުރާ އެއްޗެހި ހުރިއްޔާވެސް ބަދަލުކޮށްލަ ދޭނަން،" ޝަރީފް ވިދާޅުވިއެވެ.

ސަލަފުން ބުނީ، ސަނާބިލް ޕްރޮގްރާމަކީ ބައެއް ވިޔަފާރިވެރިންނާއި ހެޔޮއެދޭ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމުން އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.