ކުއަލަ ލަމްޕޫރު (މޭ 13): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ގެކޮޅު ހުންނަ ސަރަހައްދު، އެގައުމުގެ ފުލުހުން މިއަދު ބަންދުކޮށްފިއެވެ.

މެލޭޝިއާގެ ޑެޕިއުޓީ ޕޮލިސް ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރަފީގު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި އެސަރަހައްދުގައި ފުލުހުން ބައިތިއްބާފައި ވަނީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުންނެވެ.

"އާންމު އިންތިހާބުގެ ކުރިންވެސް އެސަރަހައްދުގައި ޕޮލިސް ޔުނިޓެއް ސްޓޭޝަންކޮށްފައިވޭ. ނަމަވެސް އެސަރަހައްދު ބަންދު ކުރަން ނިންމީ އިންތިހާބުގެ ފަހުން އެސަރަހައްދުގައި މީހުން ގިނަވަމުން ދާތީ. އެއީ ސަލާމަތީ ހާލަތު ބެލެހެއްޓުމުގެ ގޮތުން [އެޅި ފިޔަވަޅެއް]،" މުސްތަފާ ވިދާޅުވިއެވެ.

މެލޭޝިއާގެ މީޑިއާތަކުގައި ވާގޮތުން ނަޖީބުގެ ގެކޮޅުގެ ވަށައިގެން ވާ 200 މީޓަރުގެ ސަރަހައްދެއްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ދަނީ އެސަރަހައްދުން ދާ އުޅަނދުތަކާއި މީހުން ބަލާ ފާސް ކުރަމުންނެވެ.

އިއްޔެ މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމެންޓުން ވަނީ ނަޖީބު އަދި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކޮށްފައެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދު ވަނީ ވަންއެމްޑީބީ އިންވެސްޓްމެންޓް ފަންޑުގެ ކޮރަޕްޝަނުގެ މައްސަލަ އަނެއްކާވެސް ތަހުގީގުކުރަން ފެށުމަށް ބޭނުންވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ދެހާސް ނުވަވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބުގެ މައްޗަށް ވަނީ ވަންއެމްޑީބީ ފަންޑުން 700 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް ނަޖީބު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އަދި އެ މައްސަލަ ބެލި މެލޭޝިއާގެ ކޯޓުން ވަނީ އެ 700 މިލިޔަން ޑޮލަރަކީ ސައޫދީ ރަސްގެފާނު ނަޖީބަށް ހަދިޔާކުރެއްވި ފައިސާ ކަމަށް ނިންމާފައެވެ.

(ސްޓްރެއިޓްސްޓައިމްސް)