ބީއެމްއެލްއިން މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދު 27 ޕަސެންޓް އިތުރުވެއްޖެއެވެ.

ބީއެމްއެލްއިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެ ބޭންކުން ވަނީ ރާއްޖޭގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

އެ ބޭންކުގެ އަހަރީ ރިޕޯޓުގައި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ލޯނު ފޮތުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް އައިސް، އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ 7.0 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލްއިން އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ދަށްވެފައި ވީނަމަވެސް މަރުކަޒީ ބޭންކުން އާންމުކުރި އަހަރީ ރިޕޯޓުގައި ވާގޮތުން ބީއެމްއެލް ހިމެނޭ ގޮތަށް ބޭންކުތަކުން މިދިޔަ އަހަރު ދޫކުރި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ 15 ޕަސެންޓް އިތުރުވެފައެވެ. އަދި ބޭންކުތަކުން ލޯނު ދޫކުރި މިންވަރު މިދިޔަ އަހަރު 16 ޕަސަންޓު އިތުރުވެފައި ވާކަމަށްވެސް އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ނިމުނުއިރު އާމްދަނީގެ ގޮތުގައި 2.3 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 1.03 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.