13 May 2018, 13:09
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ލިބޭ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނަށް ވަކީލަކު އައްޔަނުކުރުމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރު ފުރުސަތެއް ދީފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެމައްސަލާގެ އަޑުއެހުމުގައި ވަކީލަކު ހަމެޖެއްސުމަށް އަލީ ހުސައިން އިތުރު ފުރުސަތަކަށް އެދިލެއްވުމުން ގާޒީ ވަނީ އަނެއްކާވެސް އެފުރުސަތު ދެއްވާފައެވެ.
މިއީ އޭނާ އަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދެއްވި ތިން ވަނަ ފަހަރެވެ. އަލީ ހުސައިން ފިޔަވައި އެ މައްސަލާގައި ދައުވާ ލިބޭ އެހެންހުރިހާ މެންބަރުން ވަނީ ވަކީލަކު ހަމަޖައްސާފައެވެ.
އެ މެމްބަރުންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް ސަރަހައްދުން ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށެވެ.
އަލީ ހުސައިންގެ އިތުރުން ދެން އެ އެ މައްސަލާގައި ދައުވާ ލިބޭ 11 މެމްބަރުންނަކީ:
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
- މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
- ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
- ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް
- ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
- ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
- މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.