މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ ގުޅިގެން ރޯދައަށް ތައްޔާރުވުމުގެ ގޮތުން މާހެފުމެއް ބާއްވައިފި އެވެ.

އިއްޔެ ހަވީރު އެ މާހެފުން ބާއްވައިފައި ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޓެރެސްގަ އެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ ގުޅިގެން ރޯދައަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި މާހެފުމުގެ ތެރެއިން-- ފޮޓޯ: އެމްބަސީ

މާހެފުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ރާއްޖެ އިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ މިއީ ކޮންމެ އަހަރަކު ވެސް އެމްބަސީ އިން ބާއްވަމުން އަންނަ މާހެފުމެއް ކަމަށެވެ.

"އެމްބަސީ އިން މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުންނާއި ކިޔަވާކުދިންނާ އެކު ގައުމީ އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޓަކައި ހިންގާ އިޖުތިމާއީ ހަރަކާތްތަކެއްގެ ގޮތުން މާހެފުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭ ހިންގާފައިވޭ. ދެން ދިވެހި ކޮމިޔުނިޓީ އެއްތާކުން ބައްދަލުވެ ގައުމިއްޔަތާއި ވަތަނިއްޔަތާއި ދިވެހި ވަންތަ ކަމުގެ ގުޅުން ގުޅާލަދޭ އިވެންޓެއް މިއީ." ފަހުމީ ވިދާޅުވި އެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ ގުޅިގެން ރޯދައަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި މާހެފުމުގެ ތެރެއިން-- ފޮޓޯ: އެމްބަސީ

އެ މާހެފުމުގައި މެލޭޝިއާގައި ދިރިއުޅޭ ވަރަށް ގިނަ ކިޔަވާ ކުދިންނާއި އަދި ކުޑަކުދިން ބައިވެރިވި ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެމްބަސީގެ ފަރާތުން ރަމަޟާން މަހުގައި ދިވެހިންނަށް ހަތަރު ރޯދަ ވީއްލުމެއް ދިނުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އަދި ރޯދަމަހު ގުރުއާންމުބާރާތެއް ވެސް މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.