13 May 2018, 12:25
ޖަކާޓާ (މޭ 13): އިންޑޮނޭޝިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ސުރަބަޔާގައި ތިން ޗާޗަކަށް އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާދީ ނުވަ މީހަކު މަރާލައިފި އެވެ.
އިންޑޮނޭޝިއާގެ އިންސްޕެކްޓާ ޖެނެރަލް މަޝްފުދް އަރިފިން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ދެ ހަމަލާ ދިނީ ސައިކަލެއްގައި އާއި ކާރެއްގައި ބޮން ހަރުކޮށްގެންނެވެ. އަދި އެ ހަމަލާތަކުގައި 40 މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރޭގައި ދެ ފުލުހުން ހިމެނޭ ކަމަށް ވެސް އަރިފިން ވިދާޅުވި އެވެ.
އެހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވި ނަމަވެސް އިންޑޮނޭޝިއާގެ ޖާސޫސީ އިދާރާއިން ލަފާ ކުރާ ގޮތުގައި އެއީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ޖަމާހް އަންޝަރުތް ދައުލަތް (ޖޭއޭޑީ)ން ދިން ހަމަލާއެކެވެ. ޖޭއޭޑީއަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭ ޖަމާއަތެކެވެ.
އިންޑޮނޭޝިއާގެ 260 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ނުވަ ޕަސެންޓު ހިއްސާ ކުރަނީ ނަސާރާ ދީނަށް ތަބާވާ މީހުންނެވެ. (އޭޕީ)