ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސިއްހީ ހާލަތު ހުރިގޮތުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލީސް ކެންސަލް ކޮށްދޭން އެމަނިކުފާނުގެ ވަކީލުން އެދިއްޖެ އެވެ.

ރައީސް މައުމޫނުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީސް މިއަދު ތިނެއް ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ.

ރައީސް މައުމޫނުގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ ވޭތުވެ ދިޔަ 10 ދުވަހުގެ ތެރޭގައި މައުމޫންގެ ސިއްހީ ހާލަތު ތިން ފަހަރަށް ސީރިއަސްވެފައިވާ ކަމަށެވެ. އިއްޔެ ވެސް ރައީސް މައުމޫނުގެ ސިއްހީ ހާލަތު އިތުރަށް ސީރިއަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ މިއަދު މެންދުރަށް ތާވަލު ކުރި ޝަރީއަތުގެ މަޖިލީސް ފަސްކޮށްދޭން މިއަދު ހެނދުނު ވާނީ ކްރިމިނަލް ކޯޓުގައި އެދިފައި،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ވޭތުވެ ހަފްތާގައި ބޭއްވި އެއްވެސް ޝަރީއަތުގެ މަޖިލީހަކަށް ވެސް ރައީސް މައުމޫނަކަށް ވަޑައެއް ނުގެންނެވުނެވެ.

ރައީސް މައުމޫނުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ އަދުލު އިންސާފު ގާއިމް ކުރުމުގެ ދައުވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ވަނީ އުފުލައިފަ އެވެ.

އެމައްސަލާގައި އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދުގެ ބައި މިދިއަ ހަފްތާގައި ކުރިއަށް ގެންދިއަ ނަމަވެސް ރައީސް މައުމޫނުގެ ބައި އޮތީ ކުރިއަށް ނުގެންދެވިފަ އެވެ.