13 May 2018, 10:45
ބާސެލޯނާ ދޫކޮށް، ދުނިޔޭގެ ރެކޯޑު އަގަކަށް ބްރެޒިލްގް ތަރި ނޭމާ ޕީއެސްޖީއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގަ އެވެ. މިހާތަނަށް ފްރާންސްގެ ޕީއެސްޖީގައި ނޭމާ ހޭދަކޮށްފައި ވަނީ އެންމެ ސީޒަނެއް ނަމަވެސް، މީޑިއާގައި އޭނާގެ ޓްރާންސްފާގެ ވާހަކަ އަނެއްކާ ވެސް ވަނީ ގަދަވެފަ އެވެ. ނޭމާއާ އެކު ޕީއެސްޖީން ވެފައިވާ އެއްބަވުމުގައި ބާކީ ހަތަރު އަހަރު އޮތް އިރު، މި ސީޒަނަށް ފަހު ނޭމާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ވާހަކަތައް ގިނަ މީޑިއާތަކެއްގައި ދެކެވެމުންދެ އެވެ.
މި ސީޒަން ނިންމުމަށް ފަހު ނޭމާ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތަކެއް ފެތުރިފައިވާ އިރު، ޕީއެސްޖީގެ ވެރިޔާ ނާސިރް އަލް-ޚެލައިފީ ވަނީ އެކަމާ ގުޅިގެން މީޑިއާއަށް ޖަވާބުދީފަ އެވެ.
"ނޭމާއަށް ޕީއެސްޖީގައި ނުހުރެވޭނެ ކަމަށް ބުނީ ކާކު؟، އެއްވެސް މީހަކު ނުބުނޭ ނޭމާއަށް ޕީއެސްޖީގައި ނުހުރެވޭނޭކޭ. ނޭމާ ހުރީ ކޮންޓްރެކްޓެއްގައި، އޭނާ މަޑުކުރާނެ ކަމުގެ 2000 ޕަސެންޓް ޔަގީންކަން ދެން،" އަލް-ޚެލައިފީ ބުންޏެވެ.
ސީޒަންގެ ކުރީކޮޅުގައި ނޭމާގެ ފަރާތުން ޕީއެސްޖީގައި ވަރުގަދަ ކުޅުމެއް ފެނިފައިވާ އިރު، މިދިޔަ ފެބްރުއަރީ މަހު އޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ އެކު މިވަގުތު ނޭމާ ހުރީ އަނިޔާގަ އެވެ. ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީ ހަދާފައިވާ އިރު، ޖޫން މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށް ނޭމާ ފިޓްވާނެ ކަމަށް ވެސް ބްރެޒިލްގެ މެޑިކަލް ޓީމުން ބުނެފައިވެ އެވެ.
ނޭމާގެ ޓްރާންސްފާއާ ގުޅިގެން ޚެލަފީ އިތުރަށް ބުނީ ސްޕެއިންގެ މީޑިއާއަކީ ފްރާންސްގެ ކްލަބުތަކާ ދެކޮޅަށް، ސްޕެއިންގެ ކްލަބުތަކަށް މަސައްކަތް ކުރާ މީޑިއާތަކެއް ކަމަށާއި ފްރާންސްގެ މީޑިއާ މަސައްކަތް ކޮށްދެނީ ކޮން ބަޔަކަށް ކަން އޭނާއަށް ނޭނގޭ ކަމަށެވެ.
ޕީއެސްޖީގެ ކޯޗު އުނައި އެމެރީ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަމަށް ބުނެފައިވާ އިރު، އެމްރޭ ބުނެފައި ވަނީ ނޭމާ ޕީއެސްޖީގައި ހުރީ ހިތްހަމަ ޖެހިިގެން ނަމަވެސް، ފްރާންސްގެ ދިރިއުޅުމަށް ނޭމާއަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. އަދި ފްރާންސް ލީގަކީ މުޅިން ތަފާތު ލީގަކަށްވުމުން ނޭމާއަށް ލީގަށް ހޭނުމަށް އުނދަގޫތަކެއް ދިމާވާ ކަމަށްވެސް އެމެރީ ބުނެފައިވެ އެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ދުނިޔޭގެ ރެކޯޑު 222 މިލިއަން ޔޫރޯގެ އަގަކަށް ބާސާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ ވަނީ މި ސީޒަންގައި ޕީއެސްޖީއަށް ލީގުގައި ކުޅުނު 20 މެޗުން 19 ގޯލް ޖަހައިފަ އެވެ.