ޓްރިޕޮލީ (ސެޕްޓެމްބަރ 4) : މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ފިއްލަވައިގެން އުޅުއްވާތަން މިހާރު އެނގޭކަމަށް ލީބިޔާގެ ހަނގުރާމަވެރިންނަށް ނިސްބަތްވާ ޓްރިޕޮލީގެ އަސްކަރީ މަޖިލީހުން ބުނެފިއެވެ.

އެމަޖިލީހުގެ ރައީސް ޢަބްދުލްޙަކީމް ބިލްޙާޖް ވިދާޅުވިގޮތުގައި ގައްޒާފީ ހުންނެވި ތަނަށް ވަރަށް އަވަހަށް ހަނގުރާމަވެރިން ވާސިލްވާނެ އެވެ. އަދި ގައްޒާފީގެ ބާރުތައް މުޅިން ބަލިކޮށްލެވޭނީ އޭނާ ހިފައި ހައްޔަރުކޮށްގެން ނޫނީ މަރާލައިގެން ކަމުގައެވެ. ނަމަވެސް ޤައްޒާފީ ފިއްލަވައިގެން އުޅުއްވާތަނެއް ބިލްޙާޖް ހާމައެއް ނުކުރައްވައެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ ކޮމާންޑަރުން ގެންދަވަނީ ގައްޒާފީއަށް ވަފާތެރިސިފައިންގެ އަތްދަށުގައިވާ ރައްތައް ސުލްޙަވެރިކަމާއެކު ހިފުމަށްޓަކައި ގައްޒާފީގެ ކޮމާންޑަރުންނާއި އަދި އެރަށްތަކުގެ އިސްފަރާތްތަކާ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ވާހަކަ ދައްކަމުންނެވެ.

ގައްޒާފީއަށް ވަފާތެރިސިފައިންގެ އަތްދަށުގައިވާ ރައްތަކުގެ ތެރޭގައި ސަބްހާ، ސިރްތު، ބަނީވަލީދު، ތަރްހޫނާ ފަދަ ބޮޑެތި ރައްތައް ހިމެނެއެވެ. މިރައްތަކުގެ ތެރޭން ގައްޒާފީއާއި އޭނާގެ ބައެއް ފިރިހެން ދަރިން ފިއްލަވައިގެން އުޅުއްވަނީ ބަނީ ވަލީދުގައި ކަމަށް ހަނގުރާމަވެރިންގެ ބައެއް ކޮމާންޑަރުން ވިދާޅުވެއެވެ. އަނެއްކޮޅުން ގައްޒާފީގެ ތަރްޖަމާން މުސާ އިބްރާހީމް ވަނީ ގައްޒާފީ އުޅުއްވަނީ ލީބިޔާގައިކަމާއި ނަމަވެސް އޭނާ ހުންނެވިތަނެއް ނޭންގޭ ކަމަށް ވިދާޅުވެފައެވެ. -- އަލްޖަޒީރާ