13 May 2018, 12:14
ފެނުމުން މަހުރޫމުވެފައިވާ މީހުން ކިޔުމަށް ބޭނުންކުރާ ބްރެއިލްގެ ބަދަލުގައި ބޭނުންކުރާނެ އާ އުފެއްދުމެއް އިންޑިއާގެ ރިސާޗަރުން އީޖާދުކޮށްފި އެވެ.
އިންޑިއާގެ ދިއްލީގެ ރިސާޗު ފާމްއަކުން އުފެއްދި އާ ސިސްޓަމް އިން ލޮލަށް ފެންނަ މީހުންނަށާއި އަދި ނުފެންނަ މީހުންނަށް ވެސް ކިޔަވައިދިނުމުގައި ފަސޭހަވާނެ ކަމަށް އެ ފާމްއިން ބުންޏެވެ.
ބްރެއިލްއިން ހުންނަ ފޮތްތައް ކިޔާ ހެދުމަށް އަބަދު ވެސް އުނދަގޫކަމަށް ލޮލަށް ފެންނަ މީހުން ބުނެ އެވެ.
އެ އުފެއްދުން އީޖާދުކުރި އިންކުލޫޑްގެ ކޯ ފައުންޑަރު ޕުނީތު އަރޯރާ ވިދާޅުވީ މިއީ ފަސް އަހަރު ދުވަހު ކުރި ދިރާސާތަކުން އުފެއްދި އުފެއްދުމެއް ކަމަށެވެ.
"އަޅުގަނޑުމެން ފޮތްތަކުގައި ބޭނުންކުރާ ފީޗާތައް ލޮލަށް ނުފެންނަ މީހުންނަށާ ފެންނަ މީހުންނަށް ވެސް ބޭނުންކުރުމުގައި އުނދަގޫތަކެއް ކުރިމައްޗެއް ނުވާނެ." ޕުނީތު ވިދާޅުވި އެވެ.
އެ އުފެއްދުން މިހާރު ވެސް އިންޑިއާގެ ބައެއް ސްކޫލުތަކުގައި ޓެސްޓްކޮށްފައިވާ ކަމަށް ވެސް ޕުނީތު ވިދާޅުވި އެވެ.
ޕުނީތު ވިދާޅުވީ މިހާރު ބޭނުންކޮށްއުޅޭ ބްރެއިލް ސިސްޓަމްގެ ސަބަބުން ފެނުމުން މަހުރޫމުވެފައިވާ ދަރިވަރުންނާއި މުޖުތަމައުގެ ތެރެއަށް "އިންޓަގްރޭޓެޑް" ވުމަށް ހުރަސް އެޅޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ލޮލަށް ނުފެންނަ ކުދިން ވެސް އާދައިގެ އެހެނިހެން ކުދިންނާ އެއް ސްކޫލެއްގައި ކިޔެވޭނެ ގޮތް ހަމަޖެއްސުން." ޕުނިތު ވިދާޅުވި އެވެ.
މަސްދަރު: ޓައިމްސް އޮފް އިންޑިއާ