04 Sep 2011, 22:37
ޤާހިރާ (ސެޕްޓެމްބަރ 4) : މިސްރާއި އިސްރާއީލާ ދެމެދު ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާ އަލުން މުރާޖަޢާކޮށް އެއަށް ބަދަލުތަކެއް ގެންނަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިސްރުން ބުނެފިއެވެ.
މިސްރުގެ ޚާރިޖީ ވުޒާރާގެ ޤާނޫނީ ކަންތައްތަކާބެހޭ ވެރިޔާ ޑޮކްޓަރ މަޙްމޫދް ޢިއްޒަތު ވިދާޅުވީ މިމުޢާހަދާއަށް ބައެއް ބަދަލުތައް ގެނައުމުގެ ވިސްނުން މިސްރުގެ އާ ސަރުކާރުން ގެންގުޅޭ ކަމަށާ ބަދަލުގެނައުމުގެ ކަންތައް ކުރާނީ އިސްރާއީލާ ވާހަކަ ދައްކައި ދެފަރާތް އެއްބަސްވާގޮތެއްގެ މަތިންކަމުގައެވެ.
މިސްރުގެ ސައިނާގައި މިސްރުގެ ސިފައިން ބޭތިއްބުމާއި މިސްރުގެ ސިފައިން އެސަރަޙައްދުގައި ޙރަކާތްތެރިވުމާއި ހަތިޔާރު ގެންގުޅުމާބެހޭގޮތުން ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ވާ ބައެއް މާއްދާތައް މިސްރާއި ސަރަޙައްދުގެ މިހާރުގެ ޙާލަތަށް ނުފެތޭކަމަށް މިސްރުން ދެކޭކަމަށް ޢިއްޒަތު ވިދާޅުވިއެވެ. ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ސައިނާގައި މިސްރު ސިފައިންނަށް ހަތިޔާރު ގެންގުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފައިވާއިރު އެކަން ބަދަލުނުކުރުމަކީ މިސްރުގެ ޤައުމީ މަސްލަޙަތަށް ނުރައްކާވެދާނެ ކަމެއްކަމަށް މިސްރުގެ އާލީޑަރުން ދެކެވަޑައިގަންނަވައެވެ.
އެމެރިކާގެ އެހީއާއި މަދަދުލިބިގެން ޚުދުމުޚްތާރު ގޮތެއްގައި މިސްރުގައި ވެރިކަންކުރެއްވި ޙުސްނީ މުބާރަކްގެ ނިޒާމް، ރައްޔިތުންގެ އުތުރިއެރުމެއްގައި ވައްޓާލުމާ ގުޅިގެން އެމެރިކާގެ ނުފޫޒުން މިނިވަންވި ކަމުގެ އިޙްސާސް މިސްރުގެ ރައްޔިތުން ގެންދަނީ ކުރަމުންނެވެ. މިސްރުގެ ވެރިކަމުގެ ނިޒާމަށް ބާރުފޯރުވޭނެ ހަމައެކަނި ފަރާތަކީ މިސްރުގެ ރައްޔިތުންކަމާއި އެމެރިކާފަދަ ބޭރުގެ ބާރުތައްނޫންކަން ޤާހިރާގެ މިސްރުގެ ރައްޔިތުން މައިދާނުއްތަޙްރީރުން ދައްކާލުމާގުޅިގެން ޒަމާނުއްސުރެ މިސްރަށް ބާރާއި ނުފުޒު ފޯރުވަމުން ގެންދިޔަ އެމެރިކާގެ ސައިޒް މިސްރުގައި މިހާރުވަނީ ވަރަށް ކުޑަވެފައިކަމަށް ޚަބަރުތައް ބުނެއެވެ.
މިއާއެކު އިސްރާއީލާ ގުޅުންތައް ކަނޑާލުމަށާއި ކޭމްޕް ޑޭވިޑް އެއްބަސްވުން އުވާލުމަށްވެސް ކުރިޔާ ޚިލާފަށް މިސްރުގައި މިހާރު ދަނީ ފާޅުކަންބޮޑު ގޮތެއްގައި ގޮވާލެވެމުންނެވެ. މިމައްސަލާގައި އިސްރާއީލުންވަނީ އެތަށްފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައެވެ. (ރޮއިޓާސް+އަލްޖަޒީރާ)