އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުގެ ފަހު މިނެޓުގައި އަހުމަދު އާރިފް (އާރީ) ޖެހި ގޯލާއެކު ޓީސީ ސްޕޯޓްސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ އެއްވަރުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގައި މާޒިޔާއިން ދެ ގޯލް ޖަހައިފައިވަނިކޮށް، ޓީސީން އެއްވަރުކުރީ ފަހަތުންއަރައި ދެ ގޯލް ޖަހައިގެންނެވެ.

މެޗުގެ ކުރީކޮޅުގައި ޓީސީން ރަނގަޅަށް ކުޅުނު ނަމަވެސް އެންމެ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާއިންނެވެ. މާޒިޔާގެ މެދުތެރެއިން އާންމުކޮށް ފެންނަ އިސްމާއީލް އީސަ (މެސީ) އަނިޔާގައި ހުރުމުގެ ސަބަބުން އޭނާގެ ބަދަލުގައި މިރޭ ދަނޑުމަތިން ފެނިފައިވަނީ އަހުމަދު ހަސަނެވެ. އަހުމަދު ހަސަންގެ ފަރާތުން މެޗުގެ ފުރަތަމަ ހާފްގައި ދެ ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހަމަލާ ބޭރަށް ދިޔަ ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ކުރިއަށް ކުޅެމުންދިޔަ ނާއިޒް ހަސަން (ދާދު)ގެ ކުޅުން ފާހަގަކުރެވުނު އިރު، ޓީސީގެ ކުޅުންތެރިންގެ ފަރާތުން އޭނާ ހުއްޓުވުމަށް ގިނަ ފައުލްތަކެއް ކުރިކަންވެސް ފާހަގަކޮށްލެވުނެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގައި މާޒިޔާއިން ލީޑު ނެގީ 29 ވަނަ މިނެޓުގައެވެ. ކުރިއަށް ކުޅެމުންދިޔަ ވިންސެންޓްގެ ފޯވަޑް، ކޯނެލިއަސް ސްޓެވާޓް ހުރަސްކޮށްދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ އަހުމަދު އިމާޒު (އާއްކޮ) ބޮލުންނެވެ. ފުރަތަމަ ހާފް މާޒިޔާއިން ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފް ވަރުގަދަކޮށް ފެށީވެސް މާޒިޔާއިންނެވެ.

އެގޮތުން 62 ވަނަ މިނެޓުގައި ޓީސީ އޭރިއާ ބޭރުން ކޯނެލިއަސް ފޮނުވާލި ބާރު ހަމަލާ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާ އިރު، ކޯނެލިއަސް އޭނާގެ ދެވަނަ ގޯލާއެކު މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 65 ވަނަ މިނެޓުގައެވެ.

ޓީސީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން، އާއްކޮ ތިރިތިރިން ފޮނުވާލި އިރު، ޓީސީގެ ވޯލްގައި ހުރި ކުޅުންތެރިއެއް ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ދިޔަ ބޯޅަ ލިބުނީ ސްޓެވާޓަށެވެ. އޭނާ ހުސްކޮށްހުރެ، ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ ފަސޭހަ ކަމާއެކުގައެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދެ ގޯލްގެ ލީޑުގައި އޮވެގެން ކުޅެމުން ދިޔަ މާޒިޔާއަށް އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 68 ވަނަ މިނެޓުގައި ޓީސީއަށް ޕެނެލްޓީއެއް ލިބުމުންނެވެ. މާޒިޔާގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް، ޓީސީގެ މިޑްފީލްޑަރު އެނަޓޮލީ ވްލާސިޗޭވްއަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނެލްޓީން ނަތީޖާގެ ފަރަގު ކުޑަކޮށްދިނީވެސް ވްލާސިޗޭވެ.

ވްލާސިޗޭވް ފުރަތަމަ ފޮނުވާލި ޕެނެލްޓީ މާޒިޔާގެ ކީޕަރު މައުރޯ ބޮއެރްޗިއޯ ދިފާއުކުރި ނަމަވެސް، ލައިސްމަން ނިންމީ އޭނާ ޕެނެލްޓީ މަތަކުރީ ގޯލް ލައިނުން ކުރިއަށް ޖެހިގެން ހުރެ ކަމަށެވެ. ވްލާސިޗޭވް ދެވަނަ ފަހަރަށް ޖެހި ޕެނެލްޓީވެސް މައުރޯ މަތަކޮށްފައިވާ އިރު، ވްލާސިޗޭވް ގޯލް ޖެހީ ރީބައުސް ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި ޓީސީން ގޯލް ޖެހުމާއެކު މާޒިޔާއިން ޑިފެންސަށް ސަމާލުވެގެން ކުޅެމުންދިޔަކަން ފާހަގަކުރެވުނެވެ. ޓީސީން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް މާޒިޔާއިން ވަނީ ލިބުނު ކައުންޓާ އެޓޭކް ފުރުސަތުތަކުގައި ނުރައްކާ ކޮށްފައެވެ. އެގޮތުން 74 ވަނަ މިނެޓުގައި ދާދުއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފަހު މިނެޓުގައެވެ. މާޒިޔާ އޭރިއާ ތެރެއިން ތިން ކުޅުންތެރިން ނައްޓާލުމަށްފަހު އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ތަނަވަސްކުރި ފުރުސަތުގެ ބޭނުންހިފައި ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާރީއެވެ.

މެޗަށްފަހު މާޒިޔާގެ ކުޅުންތެރިން ވަރަށް ބޮޑަށް ރެފްރީއާ ދޭތެރޭ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ އިރު، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ފަރާތުން ކުޅުންތެރިން ހަމަޖެއްސުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނިފައިވެއެވެ. މިރޭގެ މެޗުގައި އަސަދުﷲ، ކުޅުމުގެ ތެރެއިން ފެނިފައެއް ނުވެއެވެ.

މެޗުން އެއްވަރުވި ނަމަވެސް ކުޅުނު ނުވަ މެޗުން 19 ޕޮއިންޓާއެކު މާޒިޔާ އޮތީ ދެވަނައިގައެވެ. އެއް ވަަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ ފަސް ޕޮއިންޓްގެ ލީޑެއްގައެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޓީސީއަށް ލިބެނީ ނުވަ މެޗުން 15 ޕޮއިންޓެވެ. ފައިދާގެ ގޯލްގެ ތަފާތުން ޓީސީ ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ހަފްތާގެ ކުޅުން ނިމިފައިވާ އިރު، ތިންވަނަ ހަފްތާގެ ކުޅުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާ ހަމައަށެވެ. އެއީ ރަމަޟާން މަސް ކަމަށްވުމުން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުގައެވެ.