ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އަބަދުވެސް ފާހަގަކުރެވިފައިވަނީ ސިޔާސީ ދާއިރާގައި ރާއްޖޭގެ ފުންނާބު އުސް ބޭކަނބަލެއްގެ ގޮތުގައެވެ.

އާޒިމާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަން ކުރެއްވި ދުވަސްވަރު ވެސް ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވައިފައެވެ.

ނަމަވެސް މިފަަހަރު ފެނިގެން މިދިޔައީ މުޅިން ތަފާތު ދާއިރާއަކުންނެވެ. އާންމުގޮތެއްގައި ޤާނޫނީ ލަފާ އެރުވުމުގައި ފުންނާބު އުސް ކަނބަލެއްގެ ގޮތުގައި މަޝްހޫރުކަން ހޯއްދަވާފައިވާ އާޒިމާގެ އަޑުފުޅުން މިފަހަރު އިވިގެން ދިޔައީ ލޯބީގެ ލަވައެކެވެ.

މަޝްހޫރުވެގެންދިޔަ އިހުގެ ލަވައެއް ކަމަށްވާ "ކައިވެނީގެ އަމާޒު" އަލުން ކިޔައި ރެކޯޑް ކުރިއިރު އެ ލަވައިގެ އަންހެން އަޑުގެ ވެރިޔަކީ އާޒިމާއެވެ. އާޒިމާއާއެކު އެެ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިޝަން ހުސެން ސޮބާހް (ސޮބާ)އެވެ.

އެ ލަވައާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ ލަވައެއް ރެކޯޑް ކުރުމަކީ ކުރިންވެސް ކުރަން ބޭނުންވެފައި ހުރި ކަމެއް ކަމަށެވެ.

"ޕްރައިވެޓް ފަންކްޝަނަކުން ސޮބާއާ ދިމާވެގެން އެ ލަވަ ރީތިވެގެން ސޮބާ ރެކޮމެންޑް ކުރީމާ ދެން އަޅުގަނޑު އެ ލަވަ ސޮބާއާއެކު ރެކޯޑް ކުރީ. އެ ލަވަ ރެކޯޑް ކުރީ މިދިޔަ ޑިސެމްބަރު މަހު،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާއާއި ސޮބާގެ އަޑުން ކިޔާފައިވާ ވީޑިއޯ ލަވަ ވެސް މިހާރު ޔޫޓިއުބާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކަށް މިހާރު ދޫކޮށްލާފައިވާ އިރު، އެ ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ ސޮބާގެ އަންހެނުންނެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެނިފައިނުވާ އާޒިމާ، އެ ލަވަ ކިޔާފައިވާ ފުރިހަމަކަމުން އެކަމަށް އާންމުން ދަނީ ތައުރީފް ކުރަމުންނެވެ.