އެސްޓީއޯ މާލޭ ލީގުގައި ލުއިޒް އެޑުއާޑޯގެ ހެޓްރިކާއެކު ކްލަބު އީގަލްސްއިން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، މާލޭ ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާއާއި އީގަލްސް ކުޅުނު މެޗު އޮތީ 3-3ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެ މެޗުގައިވެސް އީގަލްސްގެ ލުއިޒް ވަނީ ހެޓްރިކް ހަދައިފައެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 6-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސްއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދުގެ މެޗު ވަރުގަދަކޮށް ފެށީވެސް އީގަލްސްއިންނެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިފައެވެ. އީގަލްސްއަށް ލީޑު ނަގައިދިނީ ޒުވާން ފޯވަޑް ހަސަން ރާއިފް (ހަންނަ) އެވެ. ހަންނަގެ ގޯލާއެކު ވެސް ވަރުގަދަކޮށް ފެނުނީ އީގަލްސްއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އަހުމަދު ރިޒުވާން (ރިޒޭ)ގެ ދެ ގޯލާއެކު އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ރިޒޭ އޭނާގެ ފުރަތަމަ ގޯލް ޖެހީ ލުއިޒް ނަގައިދިން ހުރަސް، ފަސޭހަ ކަމާއެކު ގޯލްގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. ރިޒޭގެ ދެވަނަ ގޯލް އޭނާ ޖެހީ އޭގެ ތިން މިނެޓް ފަހުން ވެލެންސިއާގެ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު އެކަނި އޮވެގެން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފްގައި އީގަލްސްގެ މުހައްމަދު ނާއިމްއަށް ވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ނާއިމްގެ ފުރަތަމަ ހަމަލާ ގޯލާ އަމާޒުނުވެ މަތިން ދިޔަ އިރު، ދެވަނަ ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާގެ ޖަޕާން ކީޕަރު ޖުން ކޮޗީއެވެ. އަދި އޭނާ ތިންވަނައަށް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 6-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސްއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރަނގަޅު ލީޑަކާއެކު އީގަލްސްއިން ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފްގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ އެޓީމުންނެވެ. އީގަލްސްގެ ކީޕަރަށް ނުރައްކާތެރި ހަމަލާއަކާ ކުރިމަތިލާން ޖެހުނީ މަދު ފަހަރެއްގައެވެ. އެ ހާފްގައި އީގަލްސްގެ ކުރިއަށް ކުޅެމުންދިޔަ ރިޒޭއާއި ނާއިމް އަދި ލުއިޒްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

ދެވަނަ ހާފްގައި އީގަލްސްގެ ލުއިޒް ހެދި ހެޓްރިކްގެ އިތުރުންވެސް އެޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ރިޒޭގެ ދެ ހަމަލާއެއްގެ އިތުރުން ނާއިމްއަށް ލިބުނު ފުރުސަތުތައް ވެސް ފާހަގަކޮށްލެވުނެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުސައިން އަހުސަމްއަށް ވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ލުއިޒް އޭނާގެ ފުރަތަމަ ގޯލް ޖެހި އިރު، އޭނާ ވަނީ 61 ވަނަ މިނެޓުގައި ނާއިމް ދިން ބޯޅަ ގޯލަށް ފޮނުވާލައި، އީގަލްސްގެ ލީޑު 5-0އަށް ފުޅާކޮށްފައެވެ. އަދި 72 ވަނަ މިނެޓުގައި ރިޒޭ ނަގައިދިން ހުރަސް ފަސޭހަކަމާއެކު ފޮނުވައިލައިގެން ލުއިޒް އޭނާގެ ހެޓްރިކް ފުރިހަމަކޮށް، އީގަލްސްގެ ހަވަނަ ގޯލް ޖަހައިދިނެވެ.

މެޗުގައި ވެލެންސިއާގެ އަންސަރު އިބްރާހީމް (އަންކޮ)ގެ ހަމަލާގެ އިތުރުން ދެން ފެނިގެން ދިޔައީ އެޓީމުގެ ފޯވަޑް ޑްރީގީ ސާގީގެ ހަމަލާއެކެވެ. ވެލެންސިއާއިން މެޗުގައި ޖެހި ހަމައެކަނި ގޯލް، މެޗުގެ 86 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރީޝުން ވަލޭރީއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 6-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސްއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުން މޮޅުވެ، ކުޅުނު ނުވަ މެޗުން 15 ޕޮއިންޓާއެކު އީގަލްސް ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލައިފައެވެ. އެޓީމު ތިން ވަނައިގައި އޮތީ މިވަގުތު ހަތަރު ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށްވުރެ ފައިދާ އެއް ގޯލްގެ ތަފާތުންނެވެ. މިހާތަނަށް އަށް މެޗު ކުޅެގެން ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބުން މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ނުކުންނާނެއެވެ.

މިހާތަނަށް ލީގުގައި ކުޅުން އެއްވެސް މެޗަކުން މޮޅެއް ނުލިބި ވެލެންސިއާ އޮތީ ލީގު ތާވަލުގެ ފުލުގައެވެ. ނުވަ މެޗުން އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ލީގު ތާވަލުގައި އޮތް މަގާމުން މިސީޒަންގެ ރެލިގޭޝަން ޕްލޭ އޮފްއިން ސަލާމަތްވުމަށް ވެލެންސިއާއަށް ވަނީ އުންމީދު ކުޑަވެފައެވެ.

މާލޭ ލީގުގައި މިރޭ އޮންނަ މެޗު 9:00ގައި ފަށާ އިރު، އެ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ޓީސީއެވެ.