ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތްކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، އެ ވިސްނުމަށް ފާޑު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަންވާނެ ކަން އިއުލާންކޮށް ނަޝީދުގެ ކެމްޕޭން އިފްތިތާހް ކުރުމަށް ވީޑިއޯ މެދުވެރިކޮށް ރޭ ދެއްކެވި ވާހަކައިގައި ނަޝީދު ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންގެ ހިދުމަތް ހަރުދަނާކޮށް ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެންނަވާނެ ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވައި ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މިވަގުތު ބޭނުންވަނީ ތެދުވެރި ލީޑާޝިޕެއް ކަމަށެވެ.

"ރާއްޖެއަށް މިވަގުތު ބޭނުންވަނީ ތެދުވެރި ލީޑާޝިޕެއް. ގާނޫނު އަސާސީ އިސްލާހްކޮށް ޖުޑީޝިއަރީއާ ލޯ އެންފޯސްމަންޓް އޭޖެންސީތަކުގެ މިނިވަންކަން ގާއިމުކުރަން ޖެހޭ،" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ބަރުލަމާނީ ނިޒާމު މެދުވެރިކޮށް މަޖިލިސް ތެރެއިން ވެރިކަން ކުރަން ހިފުމަކީ ހަައްލެއް ނޫން ކަމަށެވެ.

ޖަމީލު ވަނީ ރާއްޖޭގެ ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތަކަށް ވެސް ހަމަ އެ ޓުވީޓުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ހުރިހާ ޕާޓީތައް ހިމަނައިގެން މި ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަކީ އެތައް ނުބައެއްގެ ފެށުން،" ޖަމީލު ވިދާޅުވިއެވެ.

ހުރިހާ ޕާޓީތަކުގެ ރުހުން ލިބިގެން ގާނޫނީ އަސާސީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުމުރުން 65 އަހަރު ފުރިފައިވާ މީހަކަށް ވެރިކަން ނުކުރެވޭގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ހިިމެނެއެވެ.