ޖަލަށް ލާފައި ހުންނެވި މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް، އަންގާރަ ދުވަހު މިނިވަންކުރުމަށް ނިންމާފައިވާ ކަމަށް މެލޭޝިއާގެ މީޑިއާތަކުން ބުނެފިއެވެ.

އަންވަރު އިބްރާހިމްގެ ދަރިކަލުން ނޫރުލް އިއްޒާއާ ހަވާލާދީ ޗެނަލް ނިއުސް އޭޝިއާއިން ބުނީ އަންވަރު ދޫކޮށްލުމުގެ "ޕޭޕާ ވާކް"ގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ މަހާތީރު މުހައްމަދު ކުރެއްވުމަށްފަހު އިއްޔެ ވިދާޅުވީ މެލޭޝިއާގެ ޝާހީ އާއިލާއިން އަންވަރަށް މައާފު ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަންވަރު މިނިވަންކުރާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

މަހާތީރު ވިދާޅުވީ، ރަސްގެފާނު ނިންމަވާފައި ވަނީ، އަންވަރަށް ހަމައެކަނި މައާފުދެއްވަން ނޫން ކަމަށާއި އަދި އޭނާ ވަގުތުން މިނިވަންކޮށް، ޝަރަފުވެރިކަމާއެކު އަލުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތުވެސް ލިބިގެން ދާނޭ ކަމަށެވެ.

ކުރިން މަހާތީރުގެ ވެރިކަމުގައި އޭނާއަށް ފަހު އެގައުމުގެ މުސްތަގްބަލުގެ ލީޑަރުގެ ގޮތުގައި އޭރު ބެލެވުނު އަންވަރު ފުރަތަމަ ފަހަރަށް ޖަލަށް ލެވުނީ، އެ ވެރިކަމުގައެވެ. އޭރު މަހާތީރުގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ އަންވަރު ޖަލަށްލީ އެއްޖިންސުން ގުޅުން ހިންގުމާއި ކޮރަޕްޝަންގެ މައްސަލަތަކެއްގައެވެ.

ކުރިން މަހާތީރާއި އަންވަރަކީ ބަރިސާންގެ އެންމެ އިސްސަފުގައި ވަރަށް ގާތްކޮށް ހަރަކާތްތެރިވ ދެބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުންގެ އެކުވެރިކަމަށް ބުރޫއެރި ހާދިސާތަކަކީ މެލޭޝިއާގެ ސިޔާސީ ހަޔާތުގައި ވަރަށް ތާރީޚީ ވާހަކަތަކެކެވެ.

އަންވަރު ފުރަތަމަ މަގާމުން ދުރުކުރީ، 1998 ވަނަ އަހަރު އޭރު މަހާތީރުގެ ވެރިކަމުގައި ބަރިސާން އިންތިހާދުގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރޭން، ސަރުކާރާ ދެކޮޅަށް ކުރި ބިޔަ މުޒާހަރާއާ އެކުއެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ބުނެ އަންވަރު ވަނީ ޖަލަށް ލައިފައެވެ. އެއަށްފަހު، 2000 ވަނަ އަހަރު އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލައެއްގައި އަންވަރުގެ މައްޗަށް އިތުރު ނުވަ އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ.