ގެޒެޓް ކުރުމަށް ރައީސްގެ އަރިހަށް ފޮނުވި ދީނީ އެއްބައިވަންތަކަމާ ބެހޭ ގަވާއިދު "ސަރުކާރުން" ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިރޭ ވިދާޅުވެއްޖެ އެވެ.

ޑރ. މަޖީދު މިރޭ ވިދާޅުވީ ދީނީ އެއްބަވަންތަކަމާ ބެހޭ ގަވާއިދު ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކޮށްފައި ވުމުން އެ ގަވާއިދު އެ މިނިސްޓްރީން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް ދިރާސާ ކުރުމަށްފަހުގައި ނޫނީ ގަވާއިދު ގެޒެޑް ކުރުމަށް "ރުހުން" ނުދެވޭނެ ކަމަށެވެ.

"ސަރުކާރުން ވަނީ އެ ގަވާއިދަށް ބަދަލު ގެނެސްފައި. އެ ގަވާއިދު އަޅުގަނޑުމެން ބަލަމުން މިދަނީ،" ޑރ. މަޖީދު މިއަދު ވިދާޅެއް ނުވެ އެވެ.

ނަމަވެސް ގަވައިދަށް ސަރުކާރުން ގެނެސްފައިވާ ބަދަލެއް ޑރ. މަޖީދު ވިދާޅެއް ނުވި އެވެ.

މީގެ ދޮޅު އަހަރު ކުރިން ގެޒެޓް ކުރުމަށް ފޮނުވި ގަވާއިދު ސަރުކާރުން ބަދަލުކޮށްގެން އަނެއްކާ ވެސް އިސްލާމިކް މިނިސްޓްރީއަށް އެ ގަވާއިދު ފޮނުވީ އެ ބަދަލުތަކާ މެދު އިސްލާމިކް މިނިސްޓްރީގެ ރުހުން އޮތް ގޮތް ބެލުމަށެވެ. ރައީސް އޮފީހުގެ ޕްރެސް ސެކަރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އެ ގަވާއިދު އިސްލާމިކް މިނިސްޓްރީން ބަލާލުމަށް ފަހު ޖަވާބެއް ދެއްވުމުން ގެޒެޓްކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ގަވާއިދު ގެޒެޓް ކުރުމުގެ އިހްތިޔާރު މިހާރު އޮތީ އިސްލާމިކް މިނިސްޓްރީއަށް ކަމަށް ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވީ އެ ގަވާއިދު އެކުލަވާލާފައި ވަނީ އިސްލާމިކް މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތަކާއި އެ މިނިސްޓްރީގެ މެންޑޭޓް ދަށުގައި ނުހިމެނޭ ކަންތައްތަކާއި ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ ފިގުހު އެކަޑަމީގެ މައްޗަށް ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނު ސޫއޫދާއި ޑރ. އަހުމަދު އަލީ ސަވާދާއި އަދި މިހާރުގެ އެޓާނީ ޖެނަރަލް އަބްދުﷲ މުއިޒްގެ އިތުރުން ރާއްޖޭގެ ބައެއް އިލްމު ވެރިންގެ ލަފާފުޅާ އެކު އިސްލާމިކް މިނިސްޓްރީ ހެދި ގަވާއިދު ގެޒެޓް ކުރުމަށް ބައެއް ދީނީ ޖަމިއްޔާތަކުން ދެކޮޅު ހަދަ އެވެ.

ޖަމިއްޔަތުއް ސަލަފުން ރައީސްއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ތިއްބެވި ދީނީ އިލްމްވެރިންގެ މަޝްވަރާއެއް ނެތި ބައްޓަން ކޮށްފައިވާ އެ ގަވާއިދުން އިސްލާމް ދީން ހިމާޔަތްވުމުގެ ބަދަލުގައި އިހުލާސްތެރިކަމާ އެކު ދީނަށް އުޅުމުގެ މަގު ހަނިވެގެން ހިނގައިދާނެ ކަމަށެވެ. އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ވެސް އެ ގަވާއިދު އިސްލާމިކް މިނިސްޓްރީ ތައްޔާރުކޮށްފައިވާ ގޮތަށް ގެޒެޓް ކުރުމަށް ދެކޮޅު ހަދަމުންދެ އެވެ.

އެމްޑީޕީގެ ސަރުކާރުގެ އިސްލާމީ ވުޒާރާއާ ހަވާލުވެފައިވާ އަދާލަތު ޕާޓީގެ އިސް ތަރުޖަމާން ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު މިއަދު ވިދާޅުވީ ސަރުކާރުގެ ތިން ބަންޑާރަ ނައިބުންނާއި ދީނީ އިލްމުވެރިންގެ ލަފާފުޅާ އެކު ހަދާފައިވާ ގަވާއިދުގެ އަސްލުތަކަށް ސަރުކާރުން ބޭނުންވާ ބަދަލުތަކެއް ގެނެސްގެން ލިބޭ ގެއްލުމުގެ ޒިންމާ އެ ޕާޓީން ނުއުފުލާނެ ކަމަށެވެ. އަދި ސަރުކާރުން އެބަދަލުތަކެއް ގެންނަނީ ވަކި މަގުސަދުތަކެއް ހާސިލް ކުރުމަށް ކަމަށް ޝަހީމް ތުހުމަތު ކުރެއްވި އެވެ.