12 May 2018, 13:21
މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތުގެ ދަށުން މިސްކިތްތައް ސާފު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.
އެ މިނިސްޓްރީން ބުނީ މިއަދު މާލޭގެ މިސްކިތްތައް ސާފުކުރަން ފަށާފައިވަނީ އެ މިނިސްޓްރީއާއި ސަރުކާރު އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ކަމަށެވެ.
މިސްކިތްތައް ސާފުކުރުމުގެ ޕްރޮގްރާމު މިއަދު 8:45 ގައި ފަށާފައިވާއިރު މި ޕްރޮގްރާމުގައި ބައިވެރިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، ފެނަކަ، އެމްޓީސީސީ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި ހައްޖު ކޯޕަރޭޝަންގެ އޮތުރުން އެސްޓީއޯ އާއި ވެމްކޯއެވެ.
އެ މިނިސްޓްރީން ބުނީ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާގޮތުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީނާއި، މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީނައި، މާފަންނު އާމިސްކިތް ސާފުކުރާނެ ކަމަށާއި ފެނަކައިން ސާފުކުރާނީ މާފަންނު ވަގުތީ މިސްކިތާއި، ޢީދު މިސްކިތާއި، ދަރުމަވަންތަ މިސްކިތް ކަމަށެވެ.
އެމްޓީސީސީން ސާފުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއްނޫރާއި، މަސްޖިދުއްޝަހީދު ޢަލީ އާއި، މަސްޖިދު އިބްރާހީމް ކަމަށާއި އެމްޑަބްލިއުއެސްސީން މަސްޖިދު ޖަލާލުއްދީނާއި، މަސްޖިދުއްތަޢާވުނާއި، މަސްޖިދު ޔޫސުފް ބަރުބަރީ ސާފުކުރާއިރު، ސްޓެލްކޯއިން ސާފުކުރާނީ، މަސްޖިދުލްފުރުޤާނާއި، މަސްޖިދުއްސުލްޠާން ޢާދިލާއި، މަސްޖިދު ޞަލާޙުއްދީން ކަމަށެވެ.
މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލާއި، މަސްޖިދު ޢަފީފުއްދީން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޙައްޖު ކޯޕަރޭޝަނުންނެވެ. އަދި އެސްޓީއޯއިން ސާފުކުރާނީ މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ހުކުރު މިސްކިތް ސާފުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކުންފުނިތަކުން މިސްކިތްތައް ސާފުކުރާއިރު ހުރިހާ މިސްކިތެއްގެ ކުނި އުކާލުމުގެ ބައި ކުރިއަށް ގެންދާނީ ވެމްކޯއިންނެވެ.
މި އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި މިނިސްޓްރީން ހިންގުމަށް ނިންމާފައިވާ ޙަރަކާތްތަކަށް ބަލާއިރު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އިޙްޔާ ފޯރަމްތައް ބާއްވާނެއެވެ.
އަދި ކުންފުނި، ކޮލެޖް، ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާއިރު އައުޓްރީޗް ޕްރޮގްރާމްތަކާއި، މިސްކިތްތަކުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްތަކާއި، ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް މުޞްޙަފް މާލްދީފް ބެހުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން މިއަހަރު އަލަށް ޢާންމުނަށް ހުޅުވާލައިގެން ރަމަޟާންމަހުގެ ފަހު 15 ދީނީ ސުވާލު މުބާރާތެއް ބާއްވަންވެސް ވަނީ ނިންމައިފައެވެ.