04 Sep 2011, 21:27
ފޯރ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ކުޑަހުރާގައި ކުރިއަށްދިޔަ، ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރި މުބާރާތް ނިންމުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
ކުޑަހުރާ ބޭރުގައި އަޅާފައި އޮތް ލަގްޒަރީ ކަޓަމަރާން، ފޯރ ސީޒަންސް އެކްސްޕްލޯރަރގައި ބޭއްވުނު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުޅި މުބާރާތުގެ އެއްވަނައަށް ދިޔަ ފަރާތަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން މުބާރާތުގެ އެއް ވަނަ ހޯދީ، އޮސްޓްރޭލިއާގެ މާކް އޮކިޕުލޯ )އޮކީ( އެވެ.
މިމުބާރާތުގެ އެއް ވަނަ އޮކީ ހޯދާފައި ވާއިރު، އެނާ ވަނީ މުބާރާތުގެ ޓްވިން ފިން އިވެންޓުގެ ޗެމްޕިއަންކަމާއި ސިންގަލް ފިން އިވެންޓުގެ ޗެމްޕިއަންކަން ވެސް ހޯދާ ފައެވެ. އެގޮތުން އޮކީ ޓްވިން ފިންގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ލޯންގް ބޯޑް ޗެމްޕިއަން އޮސްޓްރޭލިއާގެ ޖޯޝް ކޮންސްޓްބަލް ބަލިކުރުމަށް ފަހު އެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމާއި އެމީހުންގެ އާމްދަނީ ކަނޑާ ގުޅިފައިވާ މިންވަރުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ މަސްވެރިން އެއްގަމުގައި ހޭދަކުރާ ވަގުތަށްވުރެ ކަނޑުމަތީގައި ހޭދަކުރާ ވަގުތު ގިނަކަން ފާހަގަކުރައްވަމުން، ރާއްޖޭގެ މަސައްކަތްތެރިންގެ ތެރެއިން 44 އިންސައްތައަކީ، މަސްވެރިން ކަމުގައި ވިދާޅުވިއެވެ.
ކުޑަހުރާގައި ކުރިއަށްދިޔަ ރާޅާ އެޅުމުގެ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނުން ބައިވެރިވިކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށާއި، މި މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިއީ، ރާއްޖޭގައި ތިބި ރާޅާ އަޅާ ޒުވާނުންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެ، ގިނަގިނައިން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދުނިޔޭގެ ޗެމްޕިއަނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މިމުބާރާތުގައި ކުރީގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފާ އޮސްޓްރޭލިއާގެ ހަ ރާޅާއެޅުންތެރިން ވާދަކުރިއެވެ. އެއީ އޮކީ އާއި ޖޯޝް ކޮންސްޓަބަލްގެ އިތުރުން މި މުބާރާތުގެ ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ މާކް ރިޗާޑްސް އާއި ނެޓް ޔަންގް އަދި ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ ޑޭމިއަން ހާޑްމަން އާއި ދުނިޔޭގެ އަންހެން ސާފިން ޗެމްޕިއަންކަން ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އޮސްޓްރޭލިއާގެ ލޭން ބްލީޗްލީ އެވެ. ލޭން އަކީ މުބާރާތުގައި ވާދަކުރާ ހަމައެކަނި އަންހެން ރާޅާއެޅުންތެރިއާ އެވެ.