12 May 2018, 11:04
ބޮލީވުޑްގެ ބަތަލު އަރްޖުން ކަޕޫރަށް މިދުވަސްވަރަކީ ވަރަށް ބިޒީ ދުވަސްވަރެކެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނަމަސްތޭ އިންގްލެންޑް" އަދި "ޕަނިޕަޓް" ކަހަލަ ފިލްމުތައް ހިމެނެއެވެ.
އެ ފިލްމުތަކުގެ އިތުރުން ލިސްޓަށް މިވަނީ އަނެއްކާވެސް ފިލްމެއް އިތުރުވެފައެވެ. އެއީ އަންނަ އޯގަސްޓް މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ފިލްމު "އިންޑިއާސް މޯސްޓް ވޯންޓެޑް" އެވެ.
ރާޖްކުމާރް ގުޕްތާގެ ޑައިރެކްޝަނަކަށް އުފައްދާ އެ ފިލްމުގައި އަރްޖުން އަދާ ކުރާނީ ތަފާތު ރޯލެކެވެ. ފުލުހެއްގެ ރޯލެވެ. އަރްޖުންގެ އެ ރޯލު ހާމަކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އޭނާއަށް ފުލުހެއްގެ ރޯލު ފުރިހަމައަށް އަދާ ކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެ ފިލްމަކީ ތަފާތު ތްރިލާ އެކެވެ. ޓެރަރިސްޓް އަތުލައި ގަތުމަށް ކުރާ މަސައްކަތް ފިލްމުން ދައްކުވައިދެއެވެ. ފިލްމުގެ ލީޑް ރޯލަށް އަރްޖުން ހަމަޖައްސާފައި ވީނަމަވެސް އަދި ފިލްމުގެ އެހެން ކާސްޓުންނެއް ހާމަކޮށްފައެއް ނުވެއެވެ.
ފިލްމާ ގުޅޭ ގޮތުން ކާމިޔާބު ބަތަލު އަރްޖުން ބުނީ ގުޕްތާއާ އެކީ މަސައްކަތް ކޮށްލަން ވަރަށް ބޭނުންވެފައި ހުރި ކަމަށާއި ބޭނުންވެފައި ހުއްޓައި މި ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ.
"އަރްޖުންގެ ބެސްޓް ދައްކާނަން. ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް،" އޭނާ ބުންޏެވެ.