12 May 2018, 09:49
ލަވަކިޔުންތެރިޔާ އަދި އެކްޓަރު ހިމޭޝް ރޭޝަމިޔާ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ، ބަތަލާ ސޯނިއާ ކަޕޫރު ކައިވެނިކޮށްފި އެވެ.
ސޯނިއާ އަކީ ޓީވީ އެކްޓަރެކެވެ. ސޯނިއާ ފެނިގެން ގޮސްފައިވާ ބައެއް ޓިވީ ޝޯ ތަކުގެ ތެރޭގައި، "ކޭސާ ޔޭ ޕިޔާރް ހޭ"، ޖުގްނީ ޗަލީ ޖަލެންދަރު"، "ރީމިކްސް" އަދި "ޔެސް ބޮސް" ހިމެނެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ދިރިއުޅުމަށް ފަހު ދެމީހުން ކައިވެނި ކޮށްފައި ވަނީ މިިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހަމައެކަނި ދެފަރާތުގެ އާއިލާ އާއި ގާތް އެކުވެރިން ބައިވެރިވި ކައިވެނީގެ ހަފްލާ ބާއްވައިފައި ވަނީ ހިމޭޝް އާއި ސޯނިއާ ދިރިއުޅޭ ގޭގެ ޓެރެސް މަތީގަ އެވެ.
ހިމޭޝް އާއި ސޯނިއާ ވެސް ވަނީ ދެމީހުންގެ ކައިވެނީގެ ޚަބަރުތައް ޔަގީންކޮށްދީފަ އެވެ. ހިމޭޝް ބުނީ ސޯނިއާ އަކީ ވަރަށް ރަނގަޅު އަންހެނެއް ކަމަށާއި ދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ ކަމަށެވެ.
ސޯނިއާ ވެސް ވަނީ އަލަތު ފިރިމީހާ އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އެގޮތުން ހަޔާތުގެ ދަތުރު ފަށަން ހިމޭޝް އަށް ވުރެ ރަނގަޅު ބައިވެރިއަކު ނުލިބޭނެ ކަމަށް ސޯނިއާ ވަނީ ބުނެފަ އެވެ.
އާދީއްތަ ދުވަހު ދެމީހުން ހަނީމޫނަށް ފުރަން ތައްޔާރުވެފައިވާ އިރު، ކައިވެންޏަށް ފަހު ސޯނިއާ އެކްޓު ކުރުމާ ދުރުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޚަބަރުތައް ބުނާ ގޮތުން ސޯނިއާ މިހާރު ބޭނުން ވަނީ އަމިއްލަ ދިރިއުޅުމަށް ވަގުތު ދޭށެވެ.
މިއީ ސޯނިއާގެ ފުރަތަމަ ކައިވެނި ނަމަވެސް، ހިމޭޝް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. ކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ލިބިފައި ވާއިރު، ފުރަތަމަ ކައިވެނި ރޫޅުނީ 22 އަހަރަށް ފަހު އެވެ.