12 May 2018, 09:53
ދުނިޔޭގެ ރީތީގެ ރާނީ އަދި ބޮލީވުޑް ބަތަލާ އިންސްޓަގްރާމް އާއި ގުޅިއްޖެ އެވެ.
އައިޝްވާރްޔާ އިންސްޓަގްރާމް އާ ގުޅުނީ ކާންސް ފިލްމު ފެސްޓިވަލް 2018 އިން ފެނިލުމުގެ އެއް ދުވަސް ކުރިންނެވެ. މީގެ ކުރިން އެއްވެސް ގޮތަކަށް އައިޝްވާރްޔާ ސޯޝަލް މީޑިއާ ބޭނުން ކޮށްފައެއް ނުވެ އެވެ.
އައިޝްވާރްޔާގެ ޕީއާރު ޓީމުން ވަނީ އައިޝްވާރްޔާ އިންސްޓަގްރާމް ބޭނުން ކުރަން ފަށައިފައިވާކަން ޔަގީންކޮށް ދީފަ އެވެ.
ފޮޓޯއެއް އިންސްޓަގްރާމް ނުކުރަނީސް އައިޝްވާރްޔާއަށް 3000 އަށް ވުރެ ގިނަ ފޮލޮވަރުން ލިބުނު ނަމަވެސް، ފޮލޮވަރުންގެ އަދަދު މަދު ކަމަށް ބުނެ، އައިޝްވާރްޔާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވާކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.
އެގޮތުން، ހަ ގަޑިއިރުގެ ތެރޭގައި އައިޝްވާރްޔާ އަށް 20،000 ފޮލޮވަރުން ވެސް ލިބިފައި ނުވާ ކަމަށާއި އައިޝްވާރްޔާގެ މަޝްހޫރުކަމަށް ބަލާ އިރު، އެއީ ޕީއާރް ޓީމުގެ ވަރަށް ބޮޑު ވެއްޓުމެއް ކަމަށް އައިޝްވާރްޔާ ގަބޫލު ކުރާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އޭގެ އިތުރުން، އެކައުންޓް ވެރިފައި ނުކުރެވުމުން، އެ އެކައުންޓުގެ ސައްހަކަން ޔަގީން ނުވާތީ ވެސް ފޮލޮވަރުން ނުލިބޭނެ ކަމަށް ބުނެ އައިޝްވާރްޔާ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށްވެ އެވެ.
އައިޝްވާރްޔާގެ އިންސްޓަގްރާމް އެކައުންޓް އަދި ވެސް ވެރިފައި ކުރެވިފައި ނުވާ އިރު، އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 94 ހާހަށް ވުރެ މަތިވެފަ އެވެ.
އިންސްޓަގްރާމް އާ ގުޅުމަށް ފަހު، އައިޝްވާރްޔާ އެންމެ ފުރަތަމަ ޕޯސްޓް ކޮށްފައި ފިރިމީހާ އަބީޝެކް ބައްޗަން، ދެމީހުންގެ ދަރިފުޅު އަރާދިޔާ ތުއްތު އިރު އުރާލައިގެން ހުއްޓައި ނަގައިފައިވާ ފޮޓޯއެއްގެ ގްރިޑެކެވެ.