އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާ ވާދަކުރާ މެޗު މިއަދު ހަވީރު އޮންނާނެއެވެ.

މެޗަށް ނުކުންނަ އިރު، ކުޅުނު އަށް މެޗުން 12 ޕޮއިންޓާއެކު އީގަލްސް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ވެލެންސިއާއިންވެސް ލީގުގައި އަށް މެޗު ކުޅެފައިވާ އިރު، އެ ޓީމަށް އަދި މޮޅެއް ނުލިބެއެވެ. ފުރަތަމަ ބުރުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު 3-3ގެ ނަތީޖާއަކުން އެއްވަރުކޮށްގެން ވެލެންސިއާ ހޯދި ޕޮއިންޓެކެވެ. އެ މެޗުގައި އީގަލްސްގެ ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯ ވަނީ ހެޓްރިކް ހަދައިފައެވެ.

"އީގަލްސް މެޗަކީ މިދިޔަ ބުރުގައިވެސް ޕޮއިންޓެއް ލިބުނު މެޗު. އެހެންވީމަ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑު އަޒުމަކާއެކު. އެހެންވީމަ ކުޅުންތެރިންވެސް ތިބީ އެ އަޒުމުގައި. އެކަން ފެންނާނެ ކުޅުންތެރިންގެ ފަރާތުން،" މިއަދުގެ މެޗާ ގުޅޭގޮތުން ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އާދަމް އަބުދުއްލަތީފް (ލައްޗޭ) ބުންޏެވެ.

ލައްޗޭ އިތުރަށް ބުނީ ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ތަޖުރިބާ ނެތުން ކަމަށާއި، ކުޅުންތެރިންގެ ވިސްނުން 90 މިނެޓް ނުހިފެހެއްޓޭ ކަމަށެވެ.

"މިހާރު ކުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އެބަ އާދޭ. މި ވާގޮތަކީ މެޗު މަދުން ކުޅެފައި ތިބި ކުޅުންތެރިން ތިބީމަ މެޗުގެ އޮއިވަރު އެއްވަރަކަށް ހިފަހައްޓަން ނޭނގެނީ. މެޗުގެ ފުރަތަމަ 10 މިނެޓްގައި އެބަ ދައްކާ ޓީމުގެ އަސްލު ކުޅުން. އެކަމަކު 90 މިނެޓް މެޗެއްގައި އެއްވަރަކަށް ކުޅުން ނުހިފެހެއްޓުމަކީ މައްސަލައެއް. އެކަންކަން ރަނގަޅު ކުރެވޭތޯ މިހާރު މަސައްކަތް ކުރަނީ" ލައްޗޭ ބުންޏެވެ.

ލީގުގެ ކޮންމެ މެޗަކަށްވެސް ނުކުންނާނީ ޕޮއިންޓް ނަގަން ކަމަށާއި، މިރޭގެ މެޗަށްވެސް ނުކުންނާނީ ހަމަ ތިން ޕޮއިންޓަށް ކަމަށްވެސް ލައްޗޭ ބުންޏެވެ. ލައްޗޭ ބުނީ އީގަލްސްގައި ތިބި ކުޅުންތެރިންނަކީ ކޮބައިތޯ ނުބަލާނެ ކަމަށާއި، ކޮންމެ ޓީމަކާ ދެކޮޅަށްވެސް ނުކުންނާނީ ވެލެންސިއާ އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ.

މެޗާ ގުޅިގެން އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނީ ވެލެންސިއާއަކީ ތާވަލުގެ ފުލުގައި އޮތް ޓީމު ނަމަވެސް، އީގަލްސްއިން މެޗު ފަސޭހަކޮށްނުލާނެ ކަމަށެވެ.

"އީގަލްސްގެ ޓާގެޓަކީ ގަދަ ހައެއް. ފަސޭހަކޮށް ނުލާނަން މެޗެއް. އެއް ޕޮއިންޓާއެކު އޮތް ނަމަވެސް ވެލެންސިއާއަކީ ބަލި ޓީމެއް ނޫން. ވަރަށް ވަރުގަދަ ކުޅުމެއް ދައްކައިފައި އެބަހުރި ބައެއް މެޗުތަކުގައި. ވަރަށް ސީރިއަސްކޮށް މި މެޗަށްވެސް ނުކުންނާނީ،" ނިމާ ބުންޏެވެ.

އީގަލްސްއަށް މި ސީޒަންގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޑިފެންޑަރުންގެ މައްސަލައެވެ. އެންމެފަހުން މެޗުގައި އަހުމަދު ނޫމާނާއި މިސްރުގެ ރާމޯސްވެސް ފެނިފައި ނުވާ އިރު، މިއަދުގެ މެޗުގައިވެސް ނޫމާން ނުކުޅޭނެއެވެ. މިދިޔަ ސީޒަންވެސް އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރި ނޫމާން ފިޓްވެ ކުޅެން ފެށީ މިދިޔަ އަހަރު ފަހު ކޮޅުގައެވެ.

ނިމާ ބުނީ އާއްމުކޮށް 11އަށް ނެރޭ ޑިފެންޑަރުން ނެރުމަށް ދަތިވި ނަމަވެސް ޒުވާން ޑިފެންޑަރުންނަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ. އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ޒުވާން ޑިފެންޑަރުން ވަރަށް ރަނގަޅު ކަމަށްވެސް ނިމާ ބުންޏެވެ.

ނިމާ ބުނީ އީގަލްސްގެ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާ ފަރާތުންވެސް މި ސީޒަންގައި އެންމެ އެދެވޭ ކުޅުމެއް އަދި ނުފެންނަ ކަމަށާއި، އެހެން ނަމަވެސް އެންމެފަހުން މެޗުގައި އޭނާގެ ފަރާތުންވެސް ހިތްހަމަޖެހޭ ކުޅުމެއް ފެނުނު ކަމަށެވެ. އަދި އޭގެ ސަބަބެއް ކަމަށް ނިމާ ބުނެފައިވަނީ ޒުވާން ޑިފެންޑަރުން މެޗުގައި ކުޅުން ކަމަށާއި، ކީޕަރުގެ އިރުޝާދުތަކަށް އެ ޑިފެންޑަރުން ވަރަށް ބޮޑަށް ސަމާލުކަން ދިން ކަމަށެވެ.

އީގަލްސްއާއި ވެލެންސިއާ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00ގައެވެ.